
ފަސޭހަކަމާއެކު މެސީގެ މަޔާމީ ކަޓުވާލައި ޕީއެސްޖީން ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް
ލަޔަނަލް މެސީގެ އިންޓަރ މިޔާމީގެ މައްޗަށް ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ހޯދި ފަސޭހަ މޮޅާއެކު މަޔާމީ ކަޓުވާލައި ފީފާ ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ. 4-0 ން މަޔާމީ ބަލިކުރި މެޗުގައި ޔާއޮ ނެވޭސް ވަނީ ޕީއެސްޖީއަށް ދެ ގޯލް ކާޔާބުކޮށްދީފައެވެ.
އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އީސްޓަން ކޮންފަރެންސްގެ ހަވަނައިގައި މިވަގުތު އޮތް މަޔާމީގެ މަައްޗަށް ޕީއެސްޖީން ކުރިހޯދާނެކަމަށް ކުރިން ބެލެވިފައިވީނަމަވެސް މިހާ ބޮޑު ބައްޔެއްވެދާނެކަމަށް މަޔާމީ އޮތީ ތައްޔާރުވެގެނެއްނޫނެވެ.
އެޓްލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީން ލީޑުނެގީ މެޗުގެ ހަވަނަ މިނިޓްގައި ވީޓީނިއާ ނަގައިދިން ހިލޭޖެހުމެއް ނެވޭސް ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެދުތެރެއަށް ކުޅޭ ޕޯޗުގަލްގެ ތަރި ނެވޭޒް ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ 39 ވަނަ މިނިޓްގައި ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން ޕީއެސްޖީން ހަތަރު ގޯލްވެސް ކާމިޔާބުކުރިއިރު ތިންވަނަ ގޯލަކީ މަޔާމީގެ ޑިފެންޑަރު ތޯމަސް އަވިލޭސް އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.
ފުރަތަމަ ހާހުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ޕީއެސްޖީގެ ފަހު ގޯލް ކާމިޔާބުކުރީ އަޝްރަފް ހަކީމީއެވެ.
ބޮޑު މޮޅަކާއެކު ދެވަނަ ހާފުގައި ހަމަޖެހިލައިގެން ކުޅުނު ޕީއެސްޖީން މެސީގެ މަޔާމީ ކަޓުވާލީ ގޯލެއް ކާމިޔާބު ކުރުމުގެ ފުރުސަތެއްވެސް ނުދީއެވެ. ނަަވެސް މެސީއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެތިން ފުރުޞަތެއްވެސް މެޗުގައި ލިބިފައެވެ.
އަންނަ ހޮނިހިރު ދުވަހު ކުއާޓަރ ފައިނަލްގައި ޕީއެސީން ވާދަކުރާނީ ގަދަ 16ގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ބަރެޒިލްގެ ފްލެމިންގޯ ބައްދަލުކުރާ މެޗު ކާމިޔާބުކުރާ ޓީމަކާއެވެ.
ރިއެކްޝަންސް






