ގްރީޒްމަން ޤައުމީޓީމަށް ކުޅުން ހުއްޓާލައިފި
10 އަހަރު ދުވަހު ފްރާންސްގެ ޤައުމީޓީމް ތަމްސީލް ކުރުމަށްފަހު ޤައުމީޓިމަށް ކުޅުން ހުއްޓާލިކަން އެންޓޮއިން ގްރީޒްމަން ހާމަކޮށްފިއެވެ. ރިޓަޔާކުރިކަން އޭނާ އިޢުލާންކޮށްފައިވަނީ ހޯމަ ދުވަހުއެވެ.
33 އަހަރުގެ ގްރީޒްމަން ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ އާއެކު ފްރާންސްވަނީ ބޮޑު ތިން މުބާރާތެއްގެ ފައިނަލްގައި ކުޅެފައެވެ. އަމިއްލަ ޤައުމުގައި ޔޫރޯ-2016 ގެ ފައިނަލްގައި ބަލިވިއިރު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސުން އުފުލާލިއިރު ގްރީޒްމަން އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާވަނީ ފްރާންސާއެކު 2021 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.
އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ފްރާންސްގެ ގަޢުމީ ޓިމަށްކުޅެދިން އެންމެ ފަހު މެޗު ކުޅެފައިވަނީ ސެޕްޓެމްބަރުމަހު 9 ވަނަ ދުވަހުއެވެ. ނޭޝަންސް ލީގުގައި ގްރީޒްމަންގެ ފަހު މެޗު ފުރާންސްގެ ޖޯޒީގައި ކުޅެފައިވަނީ ބެލްޖިއަމް އާ ދެކޮޅަށެވެ. ކުޅުން ހުއްޓާލިއިރު ގްރީޒްމަންވަނީ ޤައުމީޓީމަށް 137 މެޗު ކުޅެދީ 44 ގޯލް ކާމިޔާބުކޮށްދީފައެވެ.
"މިއަދު އަހަރެން, ޤައުމީޓީމަށް ކުޅުން ހުއްޓާލިކަން މި އިއުލާންކުރަނީ ވަރަށް ޖަޒުބާތީވެހުރެ. 10 އަހަރުތެރޭގައި އެތައް ގޮންޖެހުމާއެކު ގިނަ ކާމިޔާބީތަކެއް އަދި ހިތުންނުފިލާނެ އެތައް އުފާވެރި ހަނދާންތަކެއް އެބަހުރި. އެކަމަކު މި ސަފްހާ ނިންމާލާ އާ ޖީލަށް ފުރުޞަތުދޭންވީ ވަގުތު މީ. ޙަޔާތުގެ މި ބާބު ނިންމާމިލަނީ ހިތްފުރޭވަރުގެ ގިނަ ހަނދާންތަކާއެކު" ޤައުމީޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކުރަމުން ގްރީޒްމަން ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ފްރާންސްގެ ޤައުމީ ޖޯޒީލާން ލިބުމަކީ ވަރަށްބޮޑު ޝަރަފެއްކަމުގައެވެ. އަދި ޤައުމީ ޓީމު ދޫކޮށް މިދަނީ ފަޙުރުވެރިކަމާއިއެކު އަދި ޝުކުރުވެރި ހިތަކާއެކު ކަމަށްވެސް ގްރީޒްމަން ބުނެފައި ވެއެވެ. އަދި އަބަދުވެސް ޤައުމީ ޓީމުގެ ކަންކަން ބަލާނެ ކަމަށާއި, އާ ޖީލާއެކު ފްރާންސުން ޙާސިލްކުރާ ކާމިޔާބީތައް ދެކެން ކެތްމަދުވެފައި ހުރިކަމަށްވެސް އޭނާ ބުންޏެވެ.
ގްރީޒްމަން ފްރާންސްގެ ޤައިމީޓީމަށް ފުރަތަމަ މެޗު ކުޅެދިނީ މާޗް 2014 ގައެވެ. ނެދަލެންޑްސް އާދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗް 0-2 ން ކާމިޔާބުކުރީ ފްރާންސެވެ.
ރިއެކްޝަންސް