2 ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް: ބީޖީ ބަލިކޮށް މަސްއޮޑި ސެމީގެ ފުރަތަމަ ޖާގަ ހޯދައިފި
ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ބީޖީ ސްޕޯޓްސް ކްލަބު ބަލިކޮށް މަސްއޮޑި ސްޕޯޓްސް ކްލަބުން ސެމީގެ ފުރަތަމަ ޖާގަ ހޯދައިފި
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށް، ސެމީ ފައިނަލުގެ ޖާގައެއް މަސްއޮޑި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މަސްއޮޑިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސައްތައިން ސައްތައިގެ ރެކޯޑާއެކު ކުއާޓާ އަށް ދަތުރުކުރި މަސްއޮޑިން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގައި ޖުމްލަ 20 ލަނޑުޖަހައިފައެވެ. މި ފަސް މެޗުގައި އެ ޓީމު ކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައެއްނުވެއެވެ.
މި މެޗުގައި މަސްއޮޑިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 64 ވަނަ މިނެޓުގައި ބީޖީގެ ފަވާޒު ނަސީރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭރިއާ ބޭރުން މަސްއޮޑީގެ އަލީ ޝާމިސް ގޯލް ކުރިމައްޗަށް ނަގައިދޭން މަސައްކަތްކުރި ބޯޅަ ގޯލަށް ވަނީ ފަވާޒުގެ ފައިގައި ޖެހިފައި، ގޯލްކީޕަރު ބޯމަތިންނެވެ.
މި މެޗުގެ 74 ވަނަ މިނެޓުގައި މަސްއޮޑީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އިބްރާހީމް ޝަރީފެވެ.
އެ ޓީމުގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތު ތެރޭގައި ލިބުނު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިޔާ އިސްލާމް ފެކްރީ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭރިއާ ތެރެއިން މަސްއޮޑީގެ ހުސެއިން ޝަރީފަށް ބީޖީގެ ގޯލްކީޕަރު ހުސެއިން އިބްރާހީމް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު މުބާރާތުގެ ސެމީއަށް މަސްއޮޑި ދަތުރުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. އަދި މި ފަހަރުގފެ މުބާރާތުގައި މަސްއޮޑި ކޮޅަށް މިހާތަނަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
މުބާރާތުގެ ސެމީގައި މަސްއޮޑި ކުޅެން ޖެހޭނެ ޓީމެއް އެނގޭނީ ކުއާޓާގެ ފަހު މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކުލަބާއި ލެގޫންސް ސްޕޯޓްސް ކުލަބެވެ.
ރިއެކްޝަންސް