މަޖިލީސް ޓިކެޓު އަތުލައި ޖާބިރު އެމް.ޑީ.ޕީން ވަކިކޮށްފި
ޖާބިރު އެމް.ޑީ.ޕީން ވަކި ކޮށްފައިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު
ހޮނިހިރުދުވަހު ބޭއްވި އެމް.ޑީ.ޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި އެދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލައި އެމް.ޑީ.ޕީން ވަކިކޮށްފިއެވެ.
ޖާބިރުގެ ޓިކެޓު އަތުލައި އޭނާ ޕާޓީން ވަކިކުރީ އެޕާޓީގެ ސުލޫކު ކޮމެޓީން އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ކަމަށް އެޕާޓީން މައުލޫމާތު ދެއްވިއެވެ.
ޖާބިރު އެމް.ޑީ.ޕން ވަކި ކުރިކަން އާންމުކޮށް އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ ކަމަށެވެ.
އަދި އެ ކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ މިޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.
"އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައެވެ." އެމް.ޑީ.ޕީގެ ބަޔާނުގައި ވެއެވެ.
އެމް.ޑީ.ޕީގެ ނިންމުމުގައިވާ ގޮތުގައި އަބްދުﷲ ޖާބިރަށް ދެން އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ ގައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންނެވެ.
އަދި އެ ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް އަބްދުﷲ ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެމް.ޑީ.ޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއްވިއެވެ.
ކާށިދޫ ދާއިރާގެ މެންބަރުކަން މިހާރުވެސް ކުރައްވަމުން އަންނަ އަބްދުﷲ ޖާބިރަށް އެމް.ޑީ.ޕީން ފިޔަވަޅުއަލާފައިވާއިރު ދާދިފަހުންވެސް ވަނީ އޭނާ ބޭއަދަބީ ބަހުރުވައިން އާންމުންނާ މުޚާތަބު ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
ރިއެކްޝަންސް