
ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރޭ, ބިލުން ހުރަހެއް ނެތް- ފަލާހު
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ މަރުހަލާގައި މިހާރު އޮތް މީޑިޔާ ބިލަކީ ރައްޔިތުން ސޯޝަލް މީޑިޔާ ބޭނުންކުރަން އެއްވެސް ހުރަހެއް އޮތް ބިލެއް ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެބިލަކީ ސޯޝަލް މީޑިއާތައް ރެގިއުލޭޓްކުރާ ބިލެއް ކަމަށެވެ. ބިލް ފާސްވިޔަސް ސަބަބުން ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް ބަންދު ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ތިޔަ ލޮބުވެތި ޒުވާނުން އަދި ރައްޔިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުންކުރައްވާ, ރައީސް މުޢިއްޒުއަކީ ތިޔަ ޒުވާނުންނާއި. ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެފަދަ ތިޔަ ޒުވާނުންގެ އަދި ރައްޔިތުންގެ މުޅި މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ %100 ޔަޤީންކަން އޮތްވެރިއެއް!" ފަލާހު ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް ފާސްކުރަން ބާރުއަޅުއްވާ މެމްބަރު ފަލާހު ވިދާޅުވީ ބިލާ ދެކޮޅު ހަރަކާތަކީ މީގެކުރިން ވެރިއަކު މިޤައުމަށް ގެނެސްދީފައި ނުވާ ތަރައްޤީއާއި ތަހުޒީބު ރައީސް މުޢިއްޒު މިޤަޢުމަށް ގެނެސްދެއްވާތީ ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މިއީ އެމްޑީޕީއަށް ބަލަން ފަސޭހަކަމަކަށްނުވާތި ޖަހާ ސަކަރާތެއްކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.
މުޒާހަރާއަށް ގޮވަމުން ދަނީ މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އިނގުނު ހިސާބުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހުގެ އިތުރުންވެސް ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި, ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އަދި ބައެއް ވަޒީރުންވެސް ގެންދަވަނީ ބިލް ދިފާއުކުރައްވާ ބިލްގައި ރައްޔިތުންނަށް ނުރައްކަލެއް ނެތްކަމަށް ބުނަމުންނެވެ. އަދި ބައެއް ރައްޔިތުންވެސް އެފަދަ ޕޯސްޓްތައް ހިއްސާކޮށް ބޮލް ފާސްކުރަން ދަނީ ގޮވާލަމުންނެވެ.
ރިއެކްޝަންސް






