ރަސްމާލެ މަޝްރޫޢަށް ހުރަސްއަޅަނީ ވެރިކަމުގެ ދަހިވެތިކަމުގައި: އަދުރޭ
ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު އެމްޑީޕީ ގުޅިގެން ހުރަސްއަޅަމުންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްޤީކުރާ ވޯޓާ ފްރަންޓު މެރީނާ މަޝްރޫޢުގެ ދަށުން 20 ބިލިއަން ޑޮލަރު (309 ބިލިއަން ރުފިޔާ) ގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މި މަޝްރޫއާ އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ ކުރީގެ ރައީސް ޔާމީން އެވެ.
ފުނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އޭރު އެމްޑީޕީ އިސްވެ ކުރި މަސައްކަތާއި، މިއަދު ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ރައީސް ޔާމީނު އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
އޭރު އެ ދެއްކެވި ވާހަކަތަކާއި މިއަދު އެ ދައްކަވާ ވާހަކަތައް އަޅާކިޔުއްވަމުން އަބްދުއްރަހީމް ސުވާލު އުފެއްދެވީ، އެމްޑީޕީން އޭރު ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވި އިރު، މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް ވެސް ޣައްދާރުވެވެނީ ގައުމަށާއި ރައްޔިތުންނަށް ނޫންތޯ އެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް، ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މާތް ﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލަސްތަކެއް ނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މުސްތަގުބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހިންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހިން ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްގީ ކަމަށާއި އެންމެންގެ ޝިޢާރަކަށް ވާންވާނީ "އެންމެ ފުރަތަމަ ގައުމު" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރިއެކްޝަންސް

