މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ 9 މަސް ދުވަހު 104 މިލިޔަން ރުފިޔާ ލިބިފައިވޭ
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަސް ނިމުނުއިރު، މުދަލު ޒަކާތުގެ ގޮތުގައި 104 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެ %24 އިތުރު އަދަދެކެވެ.
މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ސެޕްޓެންބަރު މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 87.8 މިލިޔަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ އަދަދު ވަނީ މުހިންމު ކުރިއެރުމެއް ހޯދާފައެވެ.
ސެޕްޓެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 5.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ލިބުނު 5.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެއް ކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،266.10 ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.
މުދަލުގެ ޒަކާތަކީ، އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. މި ޒަކާތް އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ދެއްކޭނެއެވެ.
2016 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. މީރާގެ މާލޭގައި ހުންނަ ސަރވިސް ސެންޓަރުގެ އިތުރުން، އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މީގެ އިތުރުން، މީރާގެ ކަލެކްޝަން ސެންޓަރެއް ނުވަތަ ބްރާންޗެއް ނެތް ރަށެއް ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
ރިއެކްޝަންސް





