ވިލިނގިލީ އެއާޕޯޓާއި 14 ރިސޯޓުގެ މަސައްކަތް ނޮވެމްބަރު ނިމުމުގެ ކުރިން ފަށަނީ: މިނިސްޓަރު އަމީން
ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި އެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 14 ރިސޯޓުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ޢާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ފޯރަމްގައި ރައްޔިތަކު ސުވާލުކުރެއްވީ، ވިލިނގިއްޔާ ގުޅިފައިވާ ފަޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި 14 ރިސޯޓު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވައި ފަހުމުނާމާގައި ސޮއިކުރައްވާފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭނެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު އައު ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވިފައިވާ ކަމަށާއި، މަޝްރޫޢު އޮތީ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމީ ފެންވަރުގައި ތަރައްޤީކުރަން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު އެހީއެއް ލިބި، ވަޒީފާގެ އެތައް ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





