ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާއެކު ސޮއިކޮށްފި
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދައި އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން، ފުށިދިއްގަރު ފަޅު (ރަސްމާލެ) ގައި 20 ބިލިއަން ޑޮލަރުގެ "ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު "އީގަލް ހިލްސް" އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ދަ ނޭޝަނަލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއްގައި ހިންގުމަށް ހުށަހެޅިފައިވާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. ދުބާއީގައި ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާއި، އީގަލް ހިލްސްގެ ފައުންޑަރ އަދި ޗެއާމަން މުހައްމަދު އަލަބާރު ބައިވެރިވެވަޑައިގެންނެވިއެވެ.
ވެރިރަށް މާލެއިން ސްޕީޑްބޯޓުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ހިސާބުގައި އޮތް ފުށިދިއްގަރު ފަޅުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގައި އާންމުކޮށް ފެންނަ ވަކިވަކި ރަށްރަށުގެ ރިސޯޓު ކޮންސެޕްޓާ މުޅިން ތަފާތު، ދުނިޔޭގެ ފެންވަރުގެ މެރީނާތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، މަތީ ފެންވަރުގެ ހޮޓާތައް ހިމެނޭ ވަރުގަދަ ތަސައްވުރެކެވެ. މީގެ އިތުރުން ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓުތަކާއި ފިހާރަތައް، އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ހިދުމަތްތައް ވެސް މި ސިޓީގައި ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއަކީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއެކެވެ. އެގޮތުން ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިއީ އެއްފަހަރާ ކުރާ އިންވެސްޓްމަންޓެއް ނޫނެވެ. މި މަޝްރޫއަށް ފައިސާ ހަމަޖައްސާނެ ގޮތާއި އަމަލީ މަސައްކަތުގެ ތާވަލު އަދި ހާމަކޮށްފައެއް ނުވެއެވެ.
އިގުތިސާދީ މާހިރުންގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ހަޔާތުގައި ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ގްރޮސް ފޮރިން އިންވެސްޓްމަންޓް ލިބިގެންދާނެއެވެ. މީގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް ފޮރިން އިންވެސްޓްމަންޓް ހިމެނެއެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މި މަޝްރޫއުގައި 1،100 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި، 65،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރާވާފައެވެ. މިއީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުންވެސް، 2025 ވަނަ އަހަރުގެ މެއި މަހު މާލޭގައި 8.8 ބިލިއަން ޑޮލަރުގެ މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ވެސް ވަނީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
މި މަޝްރޫއު ހަވާލުކުރެވުނު އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް "ބުރުޖް ހަލީފާ" އާއި "ދުބާއީ މޯލް" ތަރައްގީކުރި އެމާރް ޕްރޮޕަޓީސްގެ ފައުންޑަރ މުހައްމަދު އަލަބާރުގެ ބެލުމުގެ ދަށުން ހިންގާ، ބައިނަލްއަގުވާމީ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުންޏެކެވެ. މީގެ ތެރޭގައި އަބޫދާބީގެ ލުލޫ އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ "ޑުރެސް ޔޮޓްސް އެންޑް މެރީނާ" އަދި ޝާރްޖާގެ 1.2 ބިލިއަން ޑޮލަރުގެ މަރްޔަމް އައިލެންޑް މަޝްރޫއު ފާހަގަކޮށްލެވެއެވެ.
ރަސްމާލޭގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، ދިވެހިރާއްޖޭގެ އިގުތިސާދީ ތަސައްވުރަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ.
ރިއެކްޝަންސް





