ދިވެހިރާއްޖޭގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމުގެ ގޮތުން، ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން މުހިއްމު: މެޑަމް ސާޖިދާ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދައިން ގޮވާލެއްވީ "ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ، ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ޞިއްޙީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަށް ގޮވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރައްވާފައެވެ.
ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޚާއްޞަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ޞިއްޙީ ޚިދުމަތްތެރިންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅަކަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.
މި މަސައްކަތަށް އެއްބާރުލުން ދިނުމުގައި "ނިއޯކެއަރ" ގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން، މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު ވަރަށް އަގުހުރި މަންސައެއްކަމުގައި ސިފަކުރައްވައި، މާލެއިން ފެށިގެން އަތޮޅުތަކަށް، އަދި ޞިއްޙީ ޚިދުމަތްތެރިންގެ އެކި ޖީލުތަކަށް މިފަދަ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއާވާލެއްވިއެވެ.
އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ޙާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް އެކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަމާއި، އެބޭފުޅުންގެ ކިބައިގައިވާ ފަރުވާތެރިކަމާއި އޯގާތެރިކަމަށް އެކަމަނާ ތަޢުރީފުކުރެއްވިއެވެ.
ރިއެކްޝަންސް





