ޝަމްޢާން 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ޝަމްޢާން 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

4 hours ago - 19:27
Advertisement
Advertisement

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު 25 އަހަރަށް ޖަލަށްލުމަށާއި، ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.


މި މައްސަލަ ބެއްލެވި ޤާޒީ އިބްރާހިމް އިޙްސާން ކުރެއްވި ޙުކުމުގައިވަނީ، ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދަޢުވާވެސް އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ މަނީ ލޯންޑްރިންގގެ ދަޢުވާއާއި، ފޭރުމުގައި ބައިވެރިވުމުގެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުުމުގެ ދަޢުވާއެވެ.
އަދަބުތައް ކަނޑައެޅިގޮތް:

  • މަނީ ލޯންޑްރިންގގެ ކުށަށް: 15 އަހަރުގެ ޖަލު ޙުކުމް
  • ފޭރުމުގައި ބައިވެރިވުމުގެ ކުށަށް: 8 އަހަރުގެ ޖަލު ޙުކުމް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް: 2 އަހަރުގެ ޖަލު ޙުކުމް

މި ޙުކުމްތަކާއެކު ޝަމްޢާން ޖުމްލަ 25 އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ. ނަމަވެސް، މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ޙުކުމުގެ މުއްދަތުން އުނިކުރެވޭނެއެވެ.


ޖަލު ޙުކުމުގެ އިތުރުން، ޝަމްޢާން 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ބިދޭސީއެއްގެ އަތުން ފޭރިގަތް ފަސް ލައްކަ ރުފިޔާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މީހާއަށް އަނބުރާ ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ފެނުނު 200,000 ރުފިޔާއާއި 10,000 ޑޮލަރުގެ ތެރެއިން، 125,000 ރުފިޔާއަށްވާ ވަރަށް ދިވެހި ފައިސާ ދައުލަތަށް ނެގުމަށްވެސް ޙުކުމުގައިވެއެވެ.
ޤާޒީ އިބްރާހިމް އިޙްސާން ވިދާޅުވީ، ޝަމްޢާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ މި ޢަމަލުގެ ސަބަބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ ކަމަށެވެ. އަދި އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާކަން ޤާޒީ ފާހަގަކުރެއްވިއެވެ.
ދައުލަތުން އެދިފައިވަނީ ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެގެން ކުށްކުރާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމުގެ އުސޫލުގެ ދަށުން ޝަމްޢާނަށްވެސް އެންމެ ބޮޑު އަދަބު ދިނުމަށެވެ. މިއީ މީގެކުރިން ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުޙައްމަދު ސަޢީދުގެ މައްޗަށް ޙުކުމް އިއްވި އުސޫލުން ކުރިއަށް ގެންދިޔަ ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement