4 މަހުގެ މުސާރައާއެކު ފެނަކައިން ވަކިވުމަށް އެދި ގިނަ މުވައްޒަފުންތަކެއް ފޯމް ލައިފި
ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ފެށި އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ވަޒީފާއިން ވަކިވުމަށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި މި ފުރުސަތަށް، މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށް އެ ކުންފުނީގެ އެތެރޭގެ މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމަށް އެދޭ މުވައްޒަފުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ނެރުއްވި މެމޯއެއްގައިވާ ގޮތުން، މި އުސޫލުގެ ދަށުން ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އެވެ.
މި ބަދަލާ ގުޅޭގޮތުން ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކުންފުނި އިސްލާހުކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ކުންފުނީގެ ރަސްމީ ބަޔާންތަކުން އެނގޭގޮތުގައި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން މަސައްކަތްތައް ހުއްޓި، އެކި ރަށްރަށުގެ ބްރާންޗުތަކުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ތިބެންޖެހުމަކީ ކުންފުންޏަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވީ، ކުންފުނީގެ ޕޭރޯލްގައި މިހާރު 8،000 އެއްހާ މުވައްޒަފުން އެބަތިބި ކަމަށާއި، މިއީ ކުންފުނި ހިންގުމަށް ބަލާއިރު އާދަޔާހިލާފަށް ގިނަ އަދަދެއް ކަމަށެވެ. މާޒީގައި ސިޔާސީ ބޭނުންތަކަށް ކުންފުންޏަށް މީހުން ވައްދާފައިވާކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، ބައެއް މުވައްޒަފުންނަކީ ހަމައެކަނި "ކާޑު ޖަހާލުމަށްފަހު" އަމިއްލަ މަސައްކަތްތަކުގައި އުޅޭ މީހުން ކަމަށެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޮނިގަނޑަށް ނުކަތާ ވަރަށް މުވައްޒަފުން އިތުރުވުމުގެ ސަބަބުން ފެނަކައިގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ސަޕްލަޔަރުންނަށް ދޭންޖެހޭ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، މިހާރުގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުންދަނީ ކުންފުނި ބަނގުރޫޓުވުމުން ސަލާމަތްކޮށް، ހިންގުން ހަރުދަނާ ކުރުމަށެވެ.
ރިއެކްޝަންސް





