ވިހާ ތުއްތުކުދިންނަށް ދޭ ފަރުވާގެ ފެންވަރު މަތިކުރުމަށް "ނިއޯކެއަރ 2026" ކޮންފަރެންސް ފަށައިފި
ދިވެހިރާއްޖޭގައި ވިހާ ތުއްތުކުދިންނަށް ދެވޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކޮށް، އެ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ "ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" (ނިއޯކެއަރ 2026) މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު 8:30 ގައި މީރުމާ ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ޝަރަފުވެރިކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ހިނގާ ސެޕްޓެމްބަރ މަހުގެ 21 އިން 23 ގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސަކީ ހުޅުމާލެ ހޮސްޕިޓަލުން އިންތިޒާމުކޮށް، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މިއީ 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު ފުރަތަމަ ކޮންފަރެންސަށްފަހު، މި ދާއިރާއިން ސިއްހީ ހިދުމަތްތެރިންގެ އިލްމާއި އަމަލީ ހުނަރު އިތުރަށް ތަރައްގީކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ސިއްހީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 19 ހޮސްޕިޓަލަކުން، ތުއްތު ކުދިންގެ ފަރުވާއާ ގުޅޭ 50 އަށްވުރެ ގިނަ ސިއްހީ މާހިރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އެންއައިސީޔޫ (NICU) ނަރުހުންނާއި، ސިއްހީ ދާއިރާގެ އެކި ފަންނީ މުވައްޒަފުން ހިމެނެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ އާ އީޖާދުތަކާއި އަމަލީ ތަމްރީނުތަކުގެ އަލީގައި، ތުއްތު ކުދިންނަށް ފަރުވާދިނުމުގައި ބޭނުންވާ ކްލިނިކަލް އިތުބާރާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އޮންނަ ތައްޔާރީތައް ވަރުގަދަކުރުމެވެ. މީގެ އިތުރުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ގޮތް ނިންމުމާއި ލީޑަރޝިޕް ހުނަރުތައް ކުރިއެރުވުމުގެ އިތުރުން، ނިއޯނޭޓަލް ނާސިންގގެ ދާއިރާގައި އިސްނެގުމާއި އިޖާދީ ވިސްނުން އަށަގަންނުވައި، ހޮސްޕިޓަލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ.
މި ކޮންފަރެންސްގެ ތެރޭގައި ހިމެނޭ މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
ނިއޯނޭޓަލް ރެސަސިޓޭޝަން ޕްރޮގްރާމް (އެންއާރުޕީ) ސިމިއުލޭޝަން ހުށައަޅައިދިނުން
އަމަލީ ތަމްރީނުތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފަރުވާދޭނެ ގޮތްތައް ދަސްކޮށްދިނުން
ދާއިރާގެ މާހިރުން އިސްވެ ކުރިއަށްގެންދާ ކްލިނިކަލް ސެޝަންތައް
މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ވޯކްޝޮޕްތައް
ހާއްސަ ޕެނަލް ޑިސްކަޝަންތައް
ސިއްހީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މާހިރުން އެއްތަނަކަށް ޖަމާވެ ކުރިއަށްގެންދާ މި ކޮންފަރެންސަކީ، ރާއްޖޭގައި އަލަށް އުފަންވާ ތުއްތުކުދިންނަށް ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރުމަށް ލިބިގެންދިޔަ ގައުމީ ފެންވަރުގެ މުހިންމު އަދި ނުހަނު އަގުހުރި މަންސައެކެވެ.
ރިއެކްޝަންސް





