ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކުރުމަށް ނަޝީދު ތާއީދުކުރައްވައިފި
ފޮޓޯ- ރާއްޖޭ އެމްވީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކުރުމަށް ނަޝީދު ތާއީދުކުރައްވައިފި

2 hours ago - 18:35
Sep 21, 2026 - 18:37

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ބިޔަ ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން، އެ ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ.


މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވަޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ރަސްމާލޭގައި އެފަދަ ވޯޓާފްރަންޓެއް ތަރައްގީކުރުމަކީ ވެސް ރަނގަޅު ހިޔާލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ނަމަވެސް، މި މަޝްރޫއަކީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. "ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް، އެ ތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ. މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރު މުދަލެއް ނުވިއްކުން،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.


ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ޔޫއޭއީގެ ކުންފުނިން ނިންމާފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އުޅޭއިރު، މި މަޝްރޫއުގެ އިންވެސްޓްމެންޓަކީ މުޅި ރާއްޖޭގެ ޖީޑީޕީއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.


ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، އަތިރިމަތީގެ ހިތްގައިމު ދިރިއުޅުމުގެ އިތުރުން މެރީނާ މަންޒިލެއްގެ ގޮތުގައި ތަރައްގީކުރާ މި މަޝްރޫއުގައި ބައިނަލްއަގްވާމީ ފެންވަރުގެ މެހެމާންދާރީއާއި، މަތީ ފަންތީގެ ބޯހިޔާވަހިކަމާއި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސްތައް ހިމެނޭނެއެވެ. އަދި ފެންވަރު ރަނގަޅު މެރީނާއަކާއި، މުނިފޫހިފިލުވުމާއި، ކެއިންބުއިމާއި، ވިޔަފާރިއާއި، ސިއްހީ އަދި ތައުލީމީ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފުރިހަމަ ވަސީލަތްތައް މި ސިޓީގައި ގާއިމުކުރެވިގެންދާނެއެވެ.


ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި މިހާރު ވެސް 716 ހެކްޓަރު ހިއްކައި، ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ދަރަޖަ ރަސްމާލެއަށް ވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މުޅި ބިން އެއްކޮށް ހިއްކައި ނިންމުމެވެ.

މީގެ އިތުރުން، އަލްބޭނިއާގައި 2.5 ބިލިއަން ޑޮލަރުގެ 'ދުރޭސް ޔޮޓްސް އެންޑް މެރީނާ' މަޝްރޫއު ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓާއި ސުޕަ ޔޮޓް މެރީނާއެއް ހިމެނެއެވެ. އަދި ޔޫއޭއީގެ ޝާރްޖާގައި 1.2 ބިލިއަން ޑޮލަރުގެ 'މަރްޔަމް އައިލެންޑް' ވޯޓާ ފްރޮންޓް މަޝްރޫއަކީ ވެސް އެ ކުންފުނިން ކާމިޔާބުކަމާއެކު ހިންގަމުން އަންނަ މަޝްރޫއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow