ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ ކާމިޔާބު ކުރައްވައިފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ ކާމިޔާބު ކުރައްވައިފި

2 hours ago - 18:39

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ އިތުރު ބުރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރައްވައިފިއެވެ.


މިއަދު ހެނދުނު 8:00 އިން ހަވީރުގެ ނިޔަލަށް ކުރިއަށްދިޔަ މި އިންތިޚާބުގައި ސުހާ އިބްރާހީމާ ވާދަކުރެއްވީ މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ) ގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު ޝާހިދެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް 529 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.


މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 1,049 މީހަކަށް ލިބިފައިވެއެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މީދޫގައި ބެހެއްޓި ދެ ފޮށްޓާއި މާލޭގައި ބެހެއްޓި ފޮށްޓެއްގައެވެ.


މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ ފަހަރުގެ އިންތިޚާބުގެ ފުރަތަމަ ނަތީޖާ ދެއްކި ގޮތުން ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބިވަޑައިގަތެވެ. ނަމަވެސް އެމްޑީއޭގެ ފަރާތުން ހުށަހަޅައިގެން ވޯޓު އަލުން ގުނިއިރު، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލުކަމަށް ކަނޑައެޅުމުން ޕީއެންސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.


ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ނިންމުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު 392 އިން އެއްވަރުވުމުން، އިލެކްޝަންސް ކޮމިޝަނުން ނިންމީ އަލުން އިންތިޚާބެއް ބޭއްވުމަށެވެ.
ސުހާ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިހާރު ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުގައި އެ ރަށު ކައުންސިލް މެންބަރުކަމަށް ހޮވިވަޑައިގެންފައިވާ ހުސައިން ރަޝީދާއި، އަންހެނުންނަށް ޚާއްސަ ކުރި ގޮނޑި ކާމިޔާބު ކުރެއްވި މިސްކާ އަބްދުއް ރަހްމާނަކީވެސް ޕީއެންސީގެ މެންބަރުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow