ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ބަލައިގަތުމާ މެދު ވޯޓަށް އަހާ ގޮތަށް ގަވާއިދު އިސްލާހުކުރަން އާންމު ކޮމިޓީން ފާސްކޮށްފި

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ބަލައިގަތުމާ މެދު ވޯޓަށް އަހާ ގޮތަށް ގަވާއިދު އިސްލާހުކުރަން އާންމު ކޮމިޓީން ފާސްކޮށްފި

1 hour ago - 13:32

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް ބަލައިގަތުމާމެދު ވޯޓަކަށް އެހުމަށާއި، ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެނަމަ ވަގުތުން ބާތިލުވާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހެކެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި އިތުރު ބަހުސެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް، މި ބަދަލު ގެނައުމަށް ކޮމިޓީގައި ހަމައެކަނި އިއުތިރާޒުކުރެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.


ކޮމިޓީގައި ވާހަކަދައްކަވަމުން މެންބަރު އަމީން ފައިސަލް ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އޮތުމުން މި އިސްލާހު ފާސްވާނެ ކަމަށް ޔަގީންކުރެވޭ ކަމަށެވެ. އެހެންނަމަވެސް، މިފަދަ އިސްލާހެއް ގެނައުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން، ކުއްލި މައްސަލައެއް ނުވަތަ ގަރާރެއްގެ ސިފައިގައި ވިޔަސް މަޖިލީހުގެ ތަޅުމުގައި މައިނޯރިޓީއަށް ބަހެއް ބުނުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.


މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރި މި އިސްލާހުގައިވާ ގޮތުން، މަޖިލީހަށް ހުށަހަޅާ ގަރާރެއް ބަލައިގަތުމާމެދު މެންބަރުންގެ މެދުގައި ވޯޓަށް އަހާނީ އެ ގަރާރަކަށް ތަޅުމުގައި ބަހުސް ފެށުމުގެ ކުރިންނެވެ. މިގޮތުން ނަގާ ވޯޓުން ގަރާރު ބަލައިގަންނަން ފާސްވެއްޖެނަމަ، ދެން އެ ގަރާރު ދިރާސާކުރުމަށް ފޮނުވޭނީ އެއާ ގުޅޭ ދާއިމީ ކޮމިޓީއަކަށެވެ. އެހެންނަމަވެސް، ވޯޓުން ގަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ، އެ ގަރާރެއް އެ ހިސާބުން ބާތިލުވެ، އެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި އިތުރަށް އެއްވެސް ބަހުސެއް ނުހިނގާނެއެވެ.


އާންމު ކޮމިޓީން މި އިސްލާހު ފާސްކުރުމާ ގުޅިގެން، ދެން މި ރިޕޯޓު ހުށަހެޅޭނީ މަޖިލީހުގެ ޖަލްސާއަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި، މި އިސްލާހު ފާސްކުރާ ދުވަހުން ފެށިގެން މި އާ އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފެށޭނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow