ސިވިލް ސަރވިސް ކޮންފަރެންސް 2026 ފަށައިފި
ސިވިލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިވިލް ސަރވިސް ކޮންފަރެންސްގެ 2026 ވަނަ އަހަރުގެ ބައްދަލުވުން މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢިލް ޝަފީޢުއެވެ.
ރާއްޖޭގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ދަފްތަރު އޮންނަ ސިވިލް ސަރވިސްގެ ދަށުން 35,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މިއީ މި ސިލްސިލާގެ ދަށުން ބާއްވާ 5 ވަނަ ކޮންފަރެންސެވެ. 2014 ވަނަ އަހަރު ފެށި މި ކޮންފަރެންސްގައި ފުރަތަމަ އަހަރު 80 މުވައްޒަފުން ބައިވެރިވި ނަމަވެސް، މިއަހަރުގެ ކޮންފަރެންސްގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނޭހެން 300 އެއްހާ ފަރާތުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއެކު ސިވިލް ސަރވިސްގެ ޚިދުމަތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޖުތާޒްގެ ވާހަކަފުޅުގައި، 2009 ވަނަ އަހަރުން ފެށިގެން މުސާރައިގެ ކުރިއެރުން ނުލިބި ތިބި ގިނަ އަދަދެއްގެ މުވައްޒަފުންނަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ދީފައިވާކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކޮންފަރެންސްގައި 8 ދާއިރާއަކުން 18 ދިރާސީ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ 2026 އިން 2030 އަށް އެކުލަވާލާފައިވާ ސިވިލް ސަރވިސްގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށް، ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތް ނެރެފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ކޮންފަރެންސްގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ތިބޭ މުވައްޒަފުންގެ މެދުގައި ހުރި ފަރަގުތައް ކުޑަވެ، ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
ރިއެކްޝަންސް





