ސަރުކާރުގެ ކޮންމެ ނިންމުމަކީ ޤައުމީ މަޞްލަޙަތު އިސްކޮށްގެން ނިންމާ ނިންމުމެއް: ރައީސް
ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، މިހާތަނަށް ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން މަސައްކަތްކުރި ދުވަހެއް ކަމަށާއި، ސަރުކާރުގެ ނިންމުންތަކަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ނިންމާ ނިންމުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ނިންމަވާ ބައެއް ނިންމެވުންތަކަކީ އާންމުންގެ މެދުގައި އެހާ މަގުބޫލު ނިންމުންތަކަކަށް ނުވި ނަމަވެސް، އެއީ ޤައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އެގޮތުން، ވޭޕް މަނާކުރުމާއި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭ ގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތައާރަފުކުރަން ނިންމެވީ އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި ޤައުމީ ވިސްނުމެއްގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކައުންސިލް އިންތިޚާބާއި ވޯޓުލުމުގެ ހޭލުންތެރިކަންކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ފިރިހެނުންނަށް ވޯޓުލެވޭނެތޯ އުފެދިފައިވާ ސުވާލަށް ޖަވާބު ދެއްވާފައެވެ. ރައީސް ވިދާޅުވީ، ކައުންސިލް އިންތިޚާބެކޭ އެއްފަދައިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ފިރިހެނުންނަށްވެސް ވޯޓުލެވޭނެ ކަމަށެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާއިރު، ޖުމްލަ ތިން ވޯޓު ކަރުދާސްކޮޅު ލިބޭނެ ކަމަށާއި، އެއީ ދެ އިންތިޚާބު އެއްކޮށްލުމާ މެދު ގޮތެއް ނިންމުމުގެ ކަރުދާހާއި، ކޮމިޓީ އިންތިޚާބުގެ ކަރުދާހުގެ އިތުރުން ކައުންސިލް އިންތިޚާބުގެ ކަރުދާސް ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ.
އިންތިޚާބުތައް އެއްކޮށްލުމުގެ ބޭނުންރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު އޮތް ގޮތަށް ދެ އިންތިޚާބު ދޭތެރޭ ހަ މަސް ދުވަސް އޮތުމަކީ އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. ސަރުކާރެއް ހޮވުމަށްފަހު ވަގުތުން މަޖިލިސް އިންތިޚާބު ބޭއްވުމުން، އެހެން ޕާޓީތަކަށް އޮންނަ ހަމަހަމަ ފުރުސަތު ގެއްލި، މިނިވަން އިންސާފުވެރި އިންތިޚާބެއްގެ އަސާސަށް ބުރޫއަރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބާރު އޭގެ ހަޤީޤީ މާނައިގައި ހިނގައިގަންނާނެ ކަމަށާއި، މިހާރު އޮތް "ސުޕަރ މެޖޯރިޓީ" ނިޒާމު އުވާލެވޭނީވެސް މި ބަދަލާއެކު ކަމަށެވެ. ސަރުކާރުން މި ބަދަލަށް ތާއީދުކުރަނީ މަޖިލީހުގެ މެންބަރުންނަށް އިތުރަށް ލިބެން އޮތް 6 މަސް ދުވަސް ދޫކޮށްލައިގެންވެސް، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރިއެކްޝަންސް









