ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ: އަދުރޭ
ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށް އަދުރޭ ވިދާޅުވެއްޖެ
ސަރުކާރު އަބަދުވެސް ދާނީ ވަރަށް ހަލުވި ކަމާއެކު ކުރިއަށްކަމަށާއި، ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ބައެއް މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެންނެވެ.
ނިއުސްއާ ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ ޑރ. މުޢިއްޒުގެ ވަޒީރުން ތިއްބެވީ ރުހުން ދޭތޯ ނުވަތަ ނުދޭތޯ ބެލުމަށްފަހު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނޫން ކަމަށާއި، ވަޒީރުން ތިއްބެވީ ރައްޔިތުންނަށް ކުރަންޖެހޭ ކޮންމެ ޚިދުމަތެއް ކޮށްދެއްވަން ތައްޔާރައް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މަޖިލިސް ސަރަހައްދުގައިި އިހުތިޖާޖުގެ ބައިވެރިންނާ އެކު ހުންނަވައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުންނުދޭން އެމްޑީޕީން ނިންމުމަކީ ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށެވެ. އަދި، ވަޒީރުންނަށް ރުހުންދިނުމަކީ 'ރަމްޒީ'ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
"ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ފިކުރުތަކާއި ވިސްނުމާއި ދެކޮޅު ހެދުންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އަދި އަޅުގަނޑު ސިފަކުރާނީ ރުހުން ނުދިނުމަކީ އެބޭފުޅުން ޤައުމަށްވާ ޚިޔާނާތެއްގެ ގޮތުގައި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ވަޒީރުން ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމެއްކުރާނަމަ، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއްލާ މަޤާމުން ވަކި ކުރުމުގެ ފުރުޞަތު މެންބަރުންނަށް އޮތް ކަމަށާއި އަދި މަޖިލީހުން ރުހުން ނުދިނުމަކީ ކަނޑައެޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމަށް ސަރުކާރަށް ހުރަސްއެޅުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ތެދުވެރި ނިޔަތެއްގައި އިޚުލާސްތެރި ހިތަކާއެކު ވެރިކަންކޮށްދެއްވުމަށްކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް