އިންޑިއާއިން ހަދިޔާކުރި ވެކްސިނާއި ސިއްހީ ސާމާނުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ހިމަބިއްސާއި ރުބެއްލާ (އެމް.އާރް) ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި، ތިން ޓަނުގެ ސިއްހީ ސާމާނު މިއަދު މާލެ ގެނެސްފިއެވެ.
މި ތަކެއްޗަކީ މި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރި ތަކެއްޗެވެ. މި އެހީގެ ދަށުން 20,000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި ސިއްހީ ފަރުވާގެ އެކި ކަންކަމުގައި ބޭނުންކުރާ ގާތްގަނޑަކަށް 3 ޓަނުގެ ސާމާނު ރާއްޖެއަށް ވަނީ ލިބިފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުމާއި، އާންމު ސިއްހަތު ކުރިއެރުވުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އިންޑިއާއިން އަބަދުވެސް އިސްކަން ދެނީ އަވަށްޓެރި ގައުމަކަށް ކަމެއް ދިމާވާ ހިނދު، އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި ދެމިއޮތުމަށް ކަމަށްވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.
ރާއްޖެއަށް ދިމާވާ އެކި ބޭނުންތަކުގައި އިންޑިއާ ސަރުކާރުން ދެމުންގެންދާ އެހީތެރިކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އިންޑިއާއަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޒަމާނުއްސުރެ ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ.
ރިއެކްޝަންސް





