
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 4 މީހަކު ހައްޔަރުކޮށްފި
އެކަކު ކޯޓުން ވަނީ ދޫކޮށްލާފަ
މަސްތުވާ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ނަމަވެސް އޭގެތެރެއިން އެކަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ކޯޓުން މުއްދަތު ޖަހައިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ) އާއި ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޘިމް (40އ) ހަތްދުވަހަށް އަދި މ. މޯނިންގވިޔު / މާލެ. ޢަލީ ނާވީ ނިޔާޒު (23އ) އެވެ. އެމީހުންގެ ބަންދަށް ޖެހީ 5 ދުވަހެވެ.
ވިޔަފާރި ކުރުމުގެ އިތުރުން މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމަށްވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ހައްޔަރުކޮށް މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ފުލުހުން ބަލައިފާސްކުރިއެވެ.. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






