12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
އިއުލާނުކުރީ 57 ރަށެއްގައި ހައުސިންގ ޔުނިޓް އަޅަން
12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން އެދިގެން އެއިއުލާނުކޮށްފައި މިވަނީ މާލެ ފިޔަވާ އްޖޭގެ ރަށްތަކުގައި ހައުސިންގ ޔުނިޓްތައް އަޅާނެ ބަޔަކު ހޯދުމަށް މިމަހު އިއުލާނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނިކޮށެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ފުރަތަމަ ކެޓަގަރީގައި އަޅާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތަށް ކުރިމަތިލެވެނީ ދިވެހި ކުންފުނިތަކަށެވެ.
ދެވަނަ ކެޓަގަރިއަށް ފެތެނީ 51-150 ހައުސިންގ ޔުނިޓް އަޅާ ރަށްތަކެވެ. އެރަށްތަކުގައި ހައުސިންގ ޔުނިޓް އަޅަން ދިވެހި ކުންފުނިތަކުގެ އިތުރުން އިންޓަރނޭޝަނަލް ޖޭވީ ކުންފުނިތަކަށް އެދެވެއެވެ. ތިންވަނަ ކެޓަގަރީގައި ހިމެނެނީ 200-250 ހައުސިންގ ޔުނިޓް އަޅާ ރަށްތަކެވެ. ހަތަރުވަނަ ކެޓަގަރީގެ ރަށްތަކުގައި 300 ހައުސިންގ ޔުނިޓް އަޅާނެއެވެ. މިދެކެޓަގަރީއަށް ދިވެހި ކުންފުނި ތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށްވެސް ކުރިމަތިލެވެއެވެ.
ފިނޭންސް މިނިސްޓްރީން ވަނި ހައުސިންގ ޔުނިޓް އަޅަން ނިންމާފައިވާ ރަށްތައްވެސް އިއުލާނުކޮށްފައެވެ. 12000 ހައުސިންގ ޔުނިޓް އަޅަނީ 57 ރަށެއްގައެވެ. ކެޓަގަރީ އެކެއްގައި ހިމެނެނީ 18 ރަށެވެ. ކެޓަގަރީ 2 ގައި ހިމެނެނީ 17 ރަށެކެވެ. ކެޓަގަރީ ތިނެއްގައި ހިމެނެނީ 10 ރަށެކެވެ. އަދި ކެޓަގަރީ 4 ގައި ހިމެނެނީ 12 ރަށެވެ. ކޮންމެ ރަށެއްގައި ހައުސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވާ އަދަދުވެސް އިއުލާނާއެކު އެއްކާރުދާސްކޮށްފައިވާ ލިސްޓްގައި ވަނީ ބަޔާންކޮށްފައެވެ.
މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީވެސް ގެދޮރުވެރިކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.
ރިއެކްޝަންސް