200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި
ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ. މައްސަލަ ތަހުގީގުކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ނެވެ.
ފުލުހުން ތުހުމަތު ކުރަނީ މިއީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓް ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން ގެނައި ސިނގިރެޓް ކަމަށެވެ. މި ސިނގިރޭޓްތައް ގެނެސްފައިވަނީ ބޯޓުގެ މެނިފެސްޓުގައި ނުހިމަނައެވެ.
ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކުރީ އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް ބާލައިގެން ސިއްރުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށެވެ. އެއީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ ކުށެވެ.
ރިއެކްޝަންސް