
ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ- ރައީސް މުއިއްޒު
ރައީސް ވަނީ ޗައިނީޒް އާއަހަރުގެ ތަހުނިޔާ އެގައުމުގެ ވެރިންނަށް މިއަދު ފޮނުއްވާފަ.
ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖްގައެވެ.
މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވާފައެވެ. ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަމަށެވެ. މީގެއިތުރުން "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި އިޚުލާސްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެއު ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރ 1972 ގައެވެ.
ރިއެކްޝަންސް






