
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން އިތުރު މީހުން ފުރުން މަނާކޮށްފި
ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ފޮޓޯވެސް ވަނީ ޢާއްމުކޮށްފަ
ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް 19 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން, ހާދިސާގެ ކުރިން އޭނާއާއެކު އުޅުނު މީހުން ފުރުން މަނާކޮށްފިއެވެ.
ކޮމިޝަނަރ އޮފް އަލީ ޝުޖާޢު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ އެހާދިސާ ހިނގުމުގެ ކުރިން ވެއްޓުނު އަންހެން މީހާއާއެކު އެހެން ގެއެއްގައި ގިނަ ވަގުތުތަކެއް ހޭދަކުރި މީހުންގެ ބަޔާން ނަގާ ފުރުންވެސް މަނާކޮށްފައިވާ ކަމަށެވެ. އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅުންހުރެދާނެތީ ކަމަށް ސީޕީ ވިދާޅުވިއެވެ. ފުލުހުން މިއަދު ވަނީ ޕާސްޕޯރޓް ހިފެހެއްޓި 9 މީހުންގެ ވަނަވަރާއެކު ފޮޓޯވެސް އާއްމުކޮށްފައެވެ.
ވެއްޓުނުމުގެ ކުރިން ގާތްގަނޑަކަށް ދަންވަރު 12 އާއި ފަތިހު 4 އާ ދެމެދު ވެއްޓުނު އަންހެން މީހާއާއި އޭނާއާއެކު އެގެއަށް ވަން ފިރިހެން މީހާގެ އިތުރުން ހަ މީހަކު އެހެން ގެއެއްގައި ވަގުތު ހޭދަކުރިއެވެ. އެކަން މިއަދުވެސް ފުލުހުން ޔަގީންކޮށްދިނެވެ. އެ އެންމެންގެ ވެސް ބަޔާން ނަގާ ފުރުން މަނާކުރުމަށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ފުލުހުން އެދިގެން ނެރެފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެމީހުން ހައްޔަރެއް ނުކުރެއެވެ. ސީޕީ ވިދާޅުވީ ތަހުގީގު ކުރިއަށްދާއިރު ހައްޔަރު ކުރަން ޖެހިއްޖެނަމަ ހައްޔަރުވެސް ކުރާނެ ކަމަށެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.
އަންހެން ކުއްޖާ ވެއްޓުނު ކަމަށް ބުނާ ގޮތާމެދު ސޯޝަލް މީޑިޔާގައި ސުވާލު އުފައްދަމުންދާތީ ސީޕީ ވިދާޅުވީ ވެއްޓުނު ގޭގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން ނޫސްވެރިންގެ ތެރެއިން ބަޔަކު އެގެއަށް ވައްދާ, އެތަން ދައްކަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަންހެން ކުއްޖާ ވެއްޓުނު ގެއަށް އޭނާއާއެކު ވަނީ ރައުދު އަހްމަދު ޒިލާލް އެވެ. އެކަމަކު އަންހެން ކުއްޖާ ވެއްޓުމުގައި ރައުދުގެވެސް އަދި އެހެން މީހެއްހެވެސް ބައިވެރިވުމެއް ނެތްކަމަށް ތަހުގީގާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިއަދު ވަނީ ހުޅުވާލާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސީސީޓީވީ ފްޓޭޖްގެ ބައެއް މަންޒަރުތައް ދައްކާފައެވެ. އެފުޓޭޖުން ވެއްޓުނު ގެއަށް އެދެމީހުން ވަންނަ މަންޒަރާއި, އެގޭގެ ބައެއް ފަންގިފިލާތަކުގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި އެދެމީހުން އެގޭގައި ސިޑި ކައިރީގައި ބަދުއަޚްލާގީ އަމަލު ހިންގަމުންދާކަން އިނގޭ ވަރަށް ފުލުހުން ވީޑިއޯ ދެއްކިއެވެ.
ރިއެކްޝަންސް






