
އަންހެން މީހާ ވެއްޓުނު ހާދިސާގެ ތަހުގީގު ފުރިހަމަކުރަން ވަގުތު ދޭންޖެހޭ, ފޮރުވާނެ ކަމެއް ނެތް- ސީޕީ
ގެއެއްގެ 9 ވަނަ ފަންގިފިލާއިން 21 އަހަރުގެ އަންހެނަކު ޖެހިގެންހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާގެ ތަހުގީގު ފުރިހަމަ ކުރަން ފުލުހުންނަށް ވަގުތު ދޭންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
އެމައްސަލައިގެ ތަހުގީގު ގެންދާ ގޮތުގެ ސަބަބުން ފުލުހުންނަށް ފާޑުކިއުން އަމާޒުވެ, ކަންތައްތަކެއް ފޮރުވަން މަސައްކަތް ކުރާކަމަށް ބުނަމުން ދަނިކޮށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ސީޕީ ވިދާޅުވީ ތަހުގީގު ފުރިހަމަކުރުމަށް ވަގުތުދީ, ރަނގަޅަށް ގެންދިއުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށެވެ. އެއާއެކު ސީޕީ ޔަގީންކަން ދެއްވޯ ތަހުގީގުގައި ފޮރުވާނެ ކަމެއް ނެތް ކަމަށެވެ.
ސީޕީ އަލީ ޝުޖާއު ވިދާޅުވީ މިމައްސަލައަކީ އެއްވެސް އެއްޗެއް ފޮރުވާފަ ބާއްވާނެ މައްސަލައެއް ނޫން ކަމަށާއި, ފޮރުވަން މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގުގައި ހޯދަން ޖެހޭ ކޮންމެ މައުލޫމާތެއް ހޯދަން ކުރަން ޖެހޭ ކޮންމެ ކަމެއް ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން ފުލުހުންގެ މުއައްސަސާގައި ނެތް ވަސީލަތްތަކުގެ ބޭނުން ކުރަންޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށާއި, ބޭރަށް ފޮނުވަން ޖެހިއްޖެ ނަމަ ބޭރަށްވެސް ފޮނުވާނެކަމަށް ވިދާޅުވިއެވެ.
ތަހުގީގައި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް އެނަލިސް ހަދާ ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ މުއްދަތުގެ ތެރޭގައިވެސް ތަހުގީގަށް ބޮޑަތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ރިއެކްޝަންސް






