ސިޔާސީ މަގާމުތައް ހާމަ ކުރަން ލާޒިމުވާ ގޮތަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސިޔާސީ މަގާމުތައް ހާމަ ކުރަން ލާޒިމުވާ ގޮތަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

2 months ago - 12:14

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މަޖިލިހަށް މިއަދު ހުށަހެޅުއްވި މި ކުއްލި މައްސަލަ  ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އެއީވެސް އެމްޑީޕީގެ މެންބަރުންނެވެ. ނަމަވެސް މިމައްސަލަ ބަލައިނުގަތުށް، ސްޕަރމެޖޯރިޓީ އޮންނަ ޕީއެންސީގެ  56 މެންބަރުން ވޯޓް ދެއްވައި މިމައްސަލާގައި ބަހުސް ކުރުމަށް ވެސް ނުފެންނަ ކަމަށް  ނިންމައި ބޭޜުކޮށްލީ އެވެ. 

އެހެންވެ މައްސަލާގައި ބަހުސް ކުރަން ފާސްނުވާ ކަމަށް ރިޔާސަތުން ނިންމަވައި އެ މައްސަލަ މަޖިލިހުން ބޭރުކޮށްލެއްވި އެވެ. މިއީ، 20 ވަނަ މަޖިލީހުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ބޭރު ކޮށްލި ފުރަތަމަ ފަހަރެވެ.

ކުއްލި މައްސަލައާ ގުޅޭ ގޮތުން މީކާއިލް ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ރައީސަށް ދީފައިވާ އިހްތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް، ހައްދެއް ނެތި މީހުން ވަޒީފާ އަށް ދަނީ ވައްދަމުންކަމަށެވެ. އޭގެ ސަބަބުން މުސާރައިގެ ގޮތުގައި ކުރަން ޖެހޭ ހަރަދު ބޮޑުވެ، އެ ކުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

އެހެން ނަމަވެސް ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ހާމަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުން އެދުމުން އެ ކޮމިޓީ އަށް ވެސް މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ، އެއީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުމަށް މަޖިލީހާ ހަވާލު ކޮށްފައިވާ ވާޖިބަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. 

ނޫސްވެރިންނާއި އާންމުން ވެސް ސިޔާސީ މަގާމްތަކުގެ އަދަދު ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދެމުން ދިޔަ ނަމަވެސް އެ އަދަދު ހާމަ ކުރަން ސަރުކާރުން އިންކާރު ކޮށްފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސް އެޅުން ހުއްޓުވުމަށާއި ސިޔާސީ މީހުންގެ އަދަދާއި ކުންފުނިތަކުން މުސާރަ އަށް ކުރާ ހަރަދު ހާމަ ކުރަން ސަރުކާރަށް ލާޒިމް ކުރަން ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަގާމްތައް އިތުރުނުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މި ވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އަދި ސިޔާސީ މަގާމްތަކުގެ އަދަދު، ސަރުކާރުން ހާމަކުރަމުންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ނަމަވެސް ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަ ކުރަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އެ މައުލޫމާތު ހާމަ ނުކުރާއިރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ އެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަ ކުރަން ދެކޮޅު ހަދައިފަ އެވެ. 

ފިނޭންސް މިނިސްޓަރ ވިދާޅުވީ، މިހާރު އެބޭފުޅުން ގެންދަވަނީ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނީޓާ ކުރައްވަމުން ކަމަށާއި ސިޔާސީ މަގާމުތަކުގެ  އެގްޒެކްޓް އަދަދު ރައީސް އޮފީހުން ޖެހޭނީ ސާފުކުރައްވަން ކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow