ސިޔާސީ ޕާޓީތަކަށް ދެމުން ގެންދާ  ފައިސާ މިހާރުން މިހާރަށް ހުއްޓާލަން އެބަޖެހޭ: މެންބަރު އިއްބެ
މެންބަރު އިއްބެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ސިޔާސީ ޕާޓީތަކަށް ދެމުން ގެންދާ ފައިސާ މިހާރުން މިހާރަށް ހުއްޓާލަން އެބަޖެހޭ: މެންބަރު އިއްބެ

މަޖިލިސް މެންބަރުންގެ އަދަދު މިހާރަށް ވުރެ އިތުރު ނުވާނެ ގޮތް ހަދައި، ކައުންސިލަރުންގެ އަދަދު ވެސް މަދުކުރުމަށް އިއްބެ ގޮވާލި

2 months ago - 15:21

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދެމުން ގެންދާ ފައިސާ ދިނުން، މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމުގައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެ އެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލުހަށް ހުށަހެޅުއްވި ގަރާރަށް މިއަދު ބަހުސް ކުރައްވަމުންނެވެ.

މެންބަރު އިއްބެ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން، ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާ ޚަރަދު ކުރައްވާ ކަމަށާއި ނަމަވެސް އެފައިސާ، ސިޔާސީ ޕާޓީތަކަށް ދީގެން، އެކަމުން ރައްޔިތުންނަށް ކުރާ މާބޮޑު މަންފާއެއް ނެތް ކަމަށެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ކޮންމެ އަހަރަކު ފައިސާ ހޯދައިގެން ކުރަނީ ކީއްތޯ؟ އިއްބެ ސުވާލު ކުރެއްވި އެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާ ހޯދައިގެން އަޅުގަނޑުމެންގެ އިދިކޮޅު ޕާޓީތަކުން ކޮންކަމެއްތޯ ކުރަނީ؟ ކޮން އެގްޒާމްޕަލެއްތޯ ދެއްކުނީ؟" އިއްބެގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވި އެވެ. "އިދިކޮޅު ޕާޓީތަކުން އިދިކޮޅުގައި އޮވެ ކުރާހާ ވެސް މަސައްކަތަކީ، ރައްޔިތުންނާ، އޭރަކު ވެރިކަންކުރާ ވެރިޔަކާ ދޭތެރޭ ޖައްސާ، ފިތުނަ ފަސާދަ އުފެއްދުން. އެނޫން އެހެން އެއްވެސް ކަމެއް އެމީހުން ނުކުރޭ."

އިއްބެ ވިދާޅުވީ، މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވޭ ބޭކާރު ޚަރަދެއް ކަމަށާއި މިކަމަކީ ނިމުމަކަށް ގެންނަން ޖެހޭ ކަމެއް ކަމަށެވެ.

އެސްއޯއީ ކޮމެޓީގެ ވެސް ނާއިބު މުގައްރަރުކަން ކުރައްވަމުން ގެންދަވާ، މެންބަރު އިއްބެ ގެ ވާހަކަ ކުރިއަށް ގެންދަވަމުން ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު އަހަރުން އަހަރަށް އިތުރު ވަމުންދާތީ، އެކަމުގެ ކަންބޮޑު ވުން ވެސް ފާޅުކުރައްވާފަ އެވެ. އިއްބެ ވިދާޅުވީ،  2019 ވަނަ އަހަރު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ދީފައިވާ އިރު، އޭގެ ތިން އަހަރު ފަހުން 2022 ވަނަ އަހަރު 32.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

މިއަދުގެ ޖލްސާގައި އިއްބެ ވަނީ، މަޖިލިހުގެ މެންބަރުންގެ އަދަދު މިހާރު މިއޮތް އަދަދަށް ވުރެ އިތުރުނުވާގޮތަށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން ނަމަވެސް ލިމިޓް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ  ކައުންސިލް ތަކުގެ ކައުންސިލަރުން ވެސް މަދުކުރަން ޖެހޭކަން އިއްބެ ފާހަގަ ކުރެއްވި އެވެ.

މަޖިލިސް މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާ މައްސަލައިގެ  ކަންބޮޑު ވުން އިއްބެ ފާޅުކުރެއްވީ އިލްމީ ގޮތަކަށެވެ. އިއްބެ ވާހަކަ ދެއްކެވީ، އަޅުގަނޑުމެން ފަދަ ޖަޒީރާ ބައެއް ގައުމުތަކުން އާބާދީގެ ނިސްބަތުން މަޖިލިހަށް މެންބަރުން ހޮއްވަވާގޮތުގެ ތަފާސް ހިސާބާ ވެސް އެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow