ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގެންފި
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދޭން މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމިނިންމުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ މި މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު ހާޝިމް މަގާމުން ވަކިކުރަން ލަފާ ދޭން މާލިއްޔަތު ކޮމިޓީން ފާސްކުރީ ގައުމުގެ އިގުތިސޯދު މި ހާލަތަށް ވެއްޓުނީ ގަވަރުނަރަށް ޒިންމާ އަދާނުކުރެވޭތީ ކަމަށް ބުނެ އެވެ.
އަލީ ހާޝިމްގެ މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ، ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު ވެސް، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށެވެ.
ގަވަރުނަރު ހާޝިމަށް މަގާމުގެ ޒިންމާ އަދާނުކުރެވޭ ކަންކަމުގެ ތެރޭގައި ނާޒިމް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓާ، ބޭންކުތަކުގެ ރިޒާވް، އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއެޅުުއްވުމާއި، ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަމުން ގެންދަނީ ޑޮމެސްޓިކް މާކެޓުން ކަމުން، ޑޮމެސްޓިކް މާކެޓް ރެގިއުލޭޓުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތަން ނުފެންނާތީއާ އަދި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާ ހަމަ ނޫން މައްސަލަ ފާހަގަކުރެވޭތީ އެވެ.
އެމްއެމްއޭ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާދިނުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެކެވެ. ކަމެކެވެ. އެހެން ކަމުން މާލިއްޔަތު ކޮމެޓީން އެކަން އެގޮތަށް ކުރުމަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެމައްސަލަ މަޖިލިހުން ބަލައިގަނެ، އެ މައްސަލަ ކޮމެޓިއަށް ފޮނުވައިގެން ދިރާސާކޮށް، ނިންމާގޮތް އަނެއްކާ ވެސް ތަޅުމަށް ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.
ކޮމިޓީގައި މި މައްސަލަ ދިރާސާކުރާއިރު، ގަވަރުނަރަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ދޭން ޖެހޭނެ އެވެ.
އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނރުގެ މަގާމަށް އައްޔަން ކުރެއްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރި ކަމުގައި، 8 ސެޕްޓެމްބަރ 2019 ގައެވެ. އެމަނިކުފާނު ވަނީ ރައީސް ނަޝީދުގެ ވެރިކަމިގައި 2008 ން 2010 އަށް ފިނޭންސް މިނިސްޓަރ ކަން ވެސް ކުރައްވާފަ އެވެ.
ރިއެކްޝަންސް