ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ދ. ރިނބުދޫއަށް ވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ދ. ރިނބުދޫއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް އެ ރަށަށް ފައިބައިވަޑައިގަތުމާއެކު، ރިނބުދޫ ކައުންސިލްގެ އިސްވެރިންނާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ބަނދަރުމަތިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ރިނބުދޫ ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ރަސްމީކޮށް ހުޅުއްވައިދެއްވުމެވެ. މި އިމާރާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު މިރޭ ރިނބުދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިނބުދޫ ކައުންސިލުގެ އިސްނެންގެވުމާއި ބެލެހެއްޓުމުގެ ދަށުން ތަރައްގީކޮށްފައިވާ "ބަނދަރުހިޔާ" އަކީ، އެ ރަށަށް ކަނޑުމަގުން ޒިޔާރަތްކުރާ ދަތުރުވެރިންނަށާއި، ރަށުން ފުރާ މީހުންނަށް އަވިންނާއި ވާރެއިން ރައްކާތެރިވެ ތިބެވޭނެ ފަދަ ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ބިނާކުރި ޒަމާނީ ފެރީ ޓާމިނަލެކެވެ. އެއްފަހަރާ 60 މީހުންނަށް ހިދުމަތް ދެވޭ ޖާގަ ތަނަވަސް މި އިމާރާތުގެ ސަބަބުން ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
މިރޭ އޮންނަ މި މުހިންމު ރަސްމިއްޔާތުގައި އެ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ރިނބުދޫ ކައުންސިލުން ވަނީ އެދިފައެވެ.
ރިއެކްޝަންސް





