ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ރައީސް މުޢިއްޒު

ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ރައީސް މުޢިއްޒު

16 hours ago - 13:03
Advertisement
Advertisement

ފަލަސްޠީނުގެ މިނިވަންކަން ކަށަވަރުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ރައީސް މަޙްމޫދު ޢައްބާސް އަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާގެ އިތުރުން ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ވަނީ އަރިސްކުރައްވާފައެވެ. އަދި މި މުނާސަބަތުގައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދޭ ފުރިހަމަ ތާއީދާއި އެއްބާރުލުން އެމަނިކުފާނު އާކުރެއްވިއެވެ.


ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއް އުފެދުމެވެ. މީގެއިތުރުން، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދަށް އަލިއަޅުއްވާލައްވައި، އެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި އިންސާފާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ފުރިހަމައަށް ލިބިދޭންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.


ބައިނަލްއަޤްވާމީ އެކި މައިދާންތަކުގައި ވެސް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ވަގުތުން ފޭބުމަށެވެ. އެގޮތުން، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ޙައްޤުގައި އެންމެ ކުރީ ސަފުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement