ބޭރުގެ އިންވެސްޓްމަންޓުތަކުން އިގްތިސާދު ވަރުގަދަވެގެންދާނެ: ނަޝީދު
ބޭރުގެ އިންވެސްޓްމަންޓުތަކަށް މަރުހަބާ ކިޔުމަކީ ގައުމުގެ އިގްތިސާދު ހަރުދަނާވެ، ގައުމީ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ބާރު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހިންގަން ރާވާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފާޅުގައި ތާއީދު ކުރައްވައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވި ގައުމުތަކުގެ ތެރެއިން ތަރައްގީގެ އާ އުސްމިންތަކަކަށް ވާސިލުވެފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދީ، އެ ކަންކަމުގެ ފައިދާ އެންމެ ފުރިހަމައަށް ހިފި ގައުމުތައް ކަމަށެވެ.
އެހެންނަމަވެސް، އެފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި "ރޯ މެޓީރިއަލް" ނުވަތަ ރޯދަވަލް ނެގުމަށް އަމާޒުކުރެވޭ ކަންކަމަށް ވެގެން ނުވާނެ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ތަކެތި ޕްރޮސެސްކޮށް، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާން ލާޒިމުވާ ކަމަށެވެ. މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާ ފަދަ ގައުމުތައް ފާހަގަކުރައްވަމުން، އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުން (އެފްޑީއައި) އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ގައުމުތަކުން ހޯދި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދު އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމުގެ ފުރިހަމަ ގާބިލުކަން ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުތަކަށް ވަރުގަދަ ޖާގައެއް ކަށަވަރުވެގެންދިޔަ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގައި ތަރައްގީކުރުމަށް ރާވާފައިވާ 20 ބިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއާ ދެކޮޅަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންނާއި ބައެއް އާންމު މެންބަރުން ބައިވެރިވާ ގައުމީ ހަރަކާތަކުން އަޑުއުފުލައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ނަޝީދު މި މަޝްރޫއަށް ތާއީދުކުރައްވައި ވާހަކަދެއްކެވުމަކީ ސިޔާސީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ ކަމެކެވެ. ޚާއްސަކޮށް، އެމަނިކުފާނާ ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މި މަޝްރޫއާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ދަނިކޮށް، ރައީސް ނަޝީދު މިފަދަ ސްޓޭންޑެއް ނެންގެވުން ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މެދުގައި ބަހުސް އުފެދިފައިވާ މައުޟޫއަކަށެވެ.
ރިއެކްޝަންސް

