
މަގުމަތިން ވެރިކަން ވައްޓާލާކަށް ނޫޅެން, އެއީ އެމްޑީޕީގެ އުސޫލެއް ނޫން- ފައްޔާޒު
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް
މަގުމަތިން ވެރިކަން ވައްޓާލަން ނޫޅޭ ކަމަށާއި, އެއީ އެމްޑީޕީގެ އުސޫލެއްވެސް ނޫންކަމަށް އެޕާޓީގެ ޗެއަރޕަސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޓީޕީއަށް 20 އަހަރު ފުރުމުގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނިކުމެ, ވެރިކަން ބަދަލުކުރަން ބައެއް ރައްޔިތުން ބޭނުންވާ ކަމަށާއި, ނަމަވެސް އެއީ އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. ރައްޔިތުން އެގޮތަށް އެދެނީ މާ އަވަހަށް މިސަރުކާރުގެ އޮފް ކެނޑުމުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިސަރުކާރަށް ދޮޅު އަހަރު ވީއުރު ރައްޔިތުން ނާއުއްމީދުވެ, ސަރުކާރުގެ އޮފް ކެނޑިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން އެމްޑީޕީއާ ދިމާއަށް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރަކާތްތަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ޢާއްމުކޮށް އެމްޑީޕީގެ ވަރުގަދަ ބޮޑަތި ހަރަކާތްތައް ފެންނާނީ ވެރިކަމުގެ ފަހު ދެ އަހަރު ކަމަށާއި, މިއަދު އެމްޑީޕީގެ ހަރަކާތްތައް މަދުވެ, މަޑުޖެހިފައިވާ ކަމަށް އިހުސާސް ވަނީ މިވެރިކަމަށް އެންމެ ދޮޅު އަހަރުގައި ރައްޔިތުން މާޔޫސްވުމުން ކަމަށެވެ.
އެމްޑީޕީން ވަނީ އެޕާޓީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ. މާދަމާއިން ފެށިގެން ދިގުދެމިގެންދާ ހަރަކާތްތަކެއް ކުރިއަށްގެންދަން އެޕާޓީން ވަނީ ނިންމާފައެވެ.
ރިއެކްޝަންސް






