
ކްލަބް ވޯލްޑްކަޕް ބާއްވާ އެމެރިކާގެ ދަނޑުތަކުގައި މުސަޅެއްހެން ބޯޅަ ބައުންސް ވާކަމަށް އެންރީކޭ ބުނެފި
ފީފާ ކްލަބް ވޯލްޑްކަލް ބާއްވާ އެމެރިކާގެ ދަނޑުތަކުގެ ކޮލިޓީއާމެދު ޔޫރަޕްގެ ޗެމްޕިއަން ފެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީ)ގެ ކޯޗު ލުއިންސް އެންރީކޭ ފާޑުކިޔަފިއެވެ. އެންރީކޭ ބުނީ "ދަނޑުތަކުގައި މުސަޅު ފުމޭހެން ބޯޅަ 'ބައުންސް' ވާ" ކަމަށެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސިއޭޓްލްގެ ދަނޑުގައި އެމެރިކާގެ ސިއޭޓްލް ސައުންޑާސް އަތުން 2-0 ން މޮޅުވި މެޗަށްފަހު އެންރީކޭ މިހެން ބުނެފައިވާއިރު ދަނޑުގައި ކުރިން އޮތް މަސްނޫއީ ކާޕެޓް ނަގާ މުބާރާތަށް ވަނީ ވަގުތީ 'ހައިބްރިޑް ގްރާސް' އަޅާފައެވެ.
އެންރީކޭ ވަނީ ފީފާ އިން މުބާރާތް ބާއްވާ ދަނޑުތަކާއި, ތަމްރީން ބިންތަކުގެ ކޮލިޓީ ބެލެހެއްޓުމުގައި ސަމާލުކަންދޭންޖެހޭ ކަން ފާހަގަކޮށް ފީފާއަށް އެކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. "ދުނިޔޭގެ އެންމެ ފެންވަރު މަތި މުބާރާތަށް ފީފާ ކްލަބް ވޯލްޑްކަޕް ހަދަން ބޭނުންނަމަ އެކަންކަން ތަންކޮޅެއް ބޮޑަށް ސިކުނޑީގައި ބައިންދަންޖެހޭ" އެންރީކޭ ބުނެފައި ވެއެވެ.
އެންރީކޭ އިތުރަށް ބުނީ ބާސްކެޓްބޯޅަ ކޯޓެއްގައި ބައިވަރު ވަޅުތަކެއް ހުއްޓަސް އެއީ އޭނާއާ ބެހޭކަމެއް ނޫންކަމަށާއި, އެކަމަކު މިފެންވަރުގެ ދަނޑުތަކުގައި ފުޓްބޯޅަ ކުޅެންޖެހުމަކީ އޭނާއަށް މައްސަލައެއް ކަމަށެވެ.
"ބޯޅަ ފުމެނީ ދަނޑުމަތީގަ މުސަޅެއް ފުމޭހެން" އެންމެ ފަހު މެޗު ކުޅުނު ސިއޭޓްލް ލުމެން ދަނޑަށް އިޝާރާތްކޮށް އެންރީކޭ ބުންޏެވެ. އެންރީކޭ ބުނީ ހާފް ޓައިމްގައިވެސް އެމީހުން ދަނޑަށް ފެންދިން ކަމަށާއި ނަމަވެސް 10 މިނިޓް ތެރޭގައި ދަނޑު އެއްކޮށް ހިކިފައިވާ ކަމަށެވެ.
އަދި ޔޫރަޕަގެ ދަނޑުތަކާ މި މުބާރާތުގައި ކުޅެންޖެހޭ ދަނޑުތައް ވަރަށް ތަފާތު ކަމަށްވެސް އެންރީކޭ ބުނެފައިވެއެވެ. ދަނޑުތަކުގައި އެއްވެސް ވަރަކަށް އޮމާންކަން ނުހުންނަ ކަން ފާހަގަކޮށް އެންރީކޭ ބުނީ އެހެންނަމަވެސް އެކަމަށް ކުޅުންތެރިން މަޑުމަޑުން އަހުލުވެރިވަމުންދާކަމުގައެވެ.
ފީފާ ކްލަބް ވޯލްޑްކަޕަށް ޕީއެސްޖީ އައީ މެއި މަހު ފަހުކޮޅު އިންޓަރމިލާނާ ދެކޮޅަށް ކުޅެ, ޗެމްޕިއަންސް ލީގު ތަށި އުފުލާލައި, މި ސީޒަނުގައި ޔޫރަޕްގެ ތިންތަށި ހާސިލްކޮށްގެންނެވެ.
ރިއެކްޝަންސް






