ޓޮޓްނަމްގެ އެނބުރި އައުން: ޑޮމިނިކް ސޮލަންކޭގެ ގޯލާއެކު ފަހަތުންއަރާ ބްރެންޓްފޮޑް ބަލިކޮށްފި
ޑޮމިނިކް ސޮލަންކޭ ޓޮޓްނަމް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާއެކު ޕްރިމިއަރ ލީގުގައި ޓޮޓްނަމް އިން 3-1 ން ބްރެންޓްފޯޑް ބަލިކޮށްފި އެވެ.
މެޗުގައި ބްރެންޓްފޯޑުން ވަނީ 23 ވަނަ ސިކުންތްގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނަގާފައެވެ. އަވަސް ގޯލަކުން ލީޑް ނަގައިދިނީ ލެވިސް ޕޮޓާ ނަގައިދިން ހުރަހެއްގައި ބްރަޔަން އެމްބޫމޯ އެވެ.
ނަމަވެސް މެޗުގެ 8 ވަނަ މިނިޓްގައި ޓޮޓްނަމްއިން ނަތިޖާ އެއްވަރުކުރިއެވެ. ބްރެންޓްފޯޑްގެ ކީޕަރު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ބޯޅަ އަލުން ހޯދާ ގޯލް ގެތެރެއަށް ފޮނުވާލައިގެން ޓޮޓްނަމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮލާންކޭ އެވެ.
މިއީ 55 މިލިއަން ޕައުންޑުގެ އަގަކަށް ބާންމައުތް އިން ޓޮޓްނަމްއާ އަލަށް ގުޅުނު ޑޮމިނިކް ސޮލާންކޭ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ޓޮޓްނަމްއިން އެޓީމްގެ ދެވަނަ ގޯލް 28 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބްރެންނަން ޖޯންސަންއެވެ. ސޮން ތަނަވަސްކޮށްދިން ފުރުޞަތު ޖޯންސަން ވަނީ ވަރަށް ރީތިކޮށް ނިންމާލާ ޓޮޓްނަމް އަށް ލީޑު ފުޅާކޮށްދީފައެވެ.
ޓޮޓްނަމްގެ ތިންވަނަ ގޯލް ޖެހުމުގައިވެސް އެހީތެރިވީ ސޮން އެވެ. 85 ވަނަ މިނިޓްގައި މި ގޯލް ޓޮޓްނަމް އަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން އެވެ.
މެޗުގެ ފުރަތަމަ ހާފުގަ ފަހަތަށް ސޮއްސާލިނަމަވެސް ފަހު ހާފުގައި ކުޅުން ރަނގަޅުކޮށް އިތުރު ގޯލެއް ކާމިޔާބުކުރެވޭތޯ ބްރެންޓްފޯޑުން ވަރަށް މަސައްކަތްކުރިއެވެ.
މިއީ މިސީޒަނުގައި ޓޮޓްނަމްގެ ދެވަނަ މޮޅެވެ. މިވަގުތު ޖުމްލަ ހަތް ޕޮއިންޓާއެކު ޓޮޓްނަމް އޮތީ ތާވަލުގެ 10 ވަނައިގައެވެ. ހަ ޕޮއިންޓާއެކު ބްރެންޓްފޯޑް ވަނީ 12 ވަނައަށް ފަހަތަށް ޖެހިފައެވެ.
ރިއެކްޝަންސް