"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސް އިފްތިތާޙުކޮށްދެއްވައިފި
ދިވެހި މުޖުތަމަޢުން ނެތެމުންދާ ރީތި އާދަތައް ކަމުގައިވާ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމްކުރުމުގެ މަތިވެރި ރޫޙު އަލުން އަށަގެންނެވުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މާފަންނު ޓްރެކް ސަރަޙައްދުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު (އަސްވާޑު) އަދި ކަމާބެހޭ އިސްވެރިން ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ކުދިބޮޑު އެންމެހާ ފަންނުވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވޭ މިފަދަ އެންމެ ބޮޑު އެއް ޤައުމީ ޙަރަކާތެވެ.
ދިވެހިންގެ ޤައުމީ ވަންތަކަން ހިފެހެއްޓުމަށާއި، އިޖުތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެށި މި މަޝްރޫޢަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވިފައިވާ މަޝްރޫޢެކެވެ. މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅުންހުރި އެކި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން ހިންގާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިޙްތިރާމްކުރުމުގެ އާދަ ހަރުދަނާކޮށް، މުޖުތަމަޢުގެ އެކުވެރިކަމާއި ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.
ކުލަގަދަ ގޮތެއްގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، މި ޤައުމީ މަޝްރޫޢަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ރަސްމީ ލޯގޯއާއި، މަޝްރޫޢުގެ ޝިޢާރު އެކުލެވޭ ޚާއްޞަ ލަވަ ވަނީ ޢާންމުކޮށް އިފްތިތާޙުކޮށްފައެވެ.
ރިއެކްޝަންސް

