ފަތުރުވެރިކަމުގެ ހީނަރުކަމުން އަރައިގަނެވިއްޖެ: އަމީން

ފަތުރުވެރިކަމުގެ ހީނަރުކަމުން އަރައިގަނެވިއްޖެ: އަމީން

20 hours ago - 09:43

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކުން އަރައިގަނެވި، މިހާރު ހާލަތު އޮތީ ހަނގުރާމައިގެ ކުރިން ހުރި މިންވަރާ ދާދި ގާތުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި  ބޭއްވި ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގެ ހަވާސާގައި ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރަށް ސަރުކާރުން ކަނޑައެޅި 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް އަހަރުގެ ކުރީކޮޅު ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ހޫނުކަމާ އެކު، މާޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި މީހުންގެ އަދަދު 24-25 ޕަސެންޓް ދަށަށް ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައި، މުޅި ސިނާއަތާ ގުޅިގެން މާކެޓިން ވަރުގަދަކުރުމާއި ގިނަ ލުއިތަކެއް ދިނުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

"ގެއްލުމުގެ ނިސްބަތް ގާތްގަނޑަކަށް ތިން ޕަސެންޓަށް މިހާރު ވަނީ އިއާދަކުރެވިފައި. މިއީ މުޅި ސިނާއަތާއި ސަރުކާރު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް 194،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މީގެއިތުރުން، މި މަހުގެ ފުރަތަމަ ނުވަ ދުވަހުގެ ތެރޭގައި 53،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އެންމެ ތަދުމަޑުކަން ކުޑަ 'ޕީކް ސީޒަން' ފެށުމާ އެކު ދުވާލަކު އެވްރެޖްކޮށް 5،900 އެއްހާ މީހުން މިހާރު ރާއްޖެ ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުކޮށް އާ އެއާލައިންތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow