
އެސްޓީއޯ އިން ރޯދަމަހަށް އަގުހެޔޮކޮށް ވިއްކުމަށް ގެނައި ފިޔާ، ބިސް އަދި އަލުވި ބާޒާރަށް ނެރެފި
ރަމަޟާން މަހަށް އަގުހެޔޮކޮށް ވިއްކުމަށް އެސްޓީއޯ އިންރާއްޖެ ގެނައި ފިޔާ، ބިސް އަދި އަލުވި ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން މިހާރު ވިއްކަމުންދާ އަގުތަކަށް ބަލާއިރު، ބިސް ކޭހެއް (30 ބިސް) ވިއްކަނީ 320 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް އަދި ފިޔާ ބަސްތާއެއް ވިއްކަނީ 310 ރުފިޔާއަށެވެ. މީގެ އިތުރުން، ލުނބޯ ކޭހެއް (5 ކިލޯގެ) ވިއްކަނީ 145 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ތަކެތި ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއަރހައުސްއިންނެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބިހެއް 2 ރުފިޔާއަށް، އަލުވި ކިލޯއެއް 18 ރުފިޔާއަށް، ފިޔާ ކިލޯއެއް 14 ރުފިޔާއަށް އަދި ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓިއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، އެތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރިއެކްޝަންސް






