މާދަމާއިން ފެށިގެން ކައްކާ ގޭސް ކުރިއެކޭ އެއްގޮތަށް ލިބޭނެ: މޯލްޑިވް ގޭސް
ސަޕްލައިއަށް ކުރިމަތިވި ހުރަސްތައް ހައްލުކޮށް، އެއްވެސް ދަތިކަމަކާ ނުލައި މާދަމާއިން ފެށިގެން އާންމު އުސޫލުން ކައްކާ ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.
ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން، މި ހިނގާ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މޯލްޑިވް ގޭހުން އައީ ކޮންޓްރޯލް ކޮށްގެން ގޭސް ދޫކުރަމުންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ގޭސް ދޫކުރަމުން ދިޔައީ 10 ކިލޯގެ ސިލިންޑަރަކަށް 7 ކިލޯ، 22 ކިލޯގެ ސިލިންޑަރަކަށް 14 ކިލޯ އަދި 45 ކިލޯގެ ސިލިންޑަރަކަށް 31 ކިލޯގެ މަގުންނެވެ.
ނަމަވެސް، ގޭސް ސަޕްލައި ކުރުމަށް ދިމާވި ހުރަސްތައް މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށް މޯލްޑިވް ގޭހުން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ސިލިންޑަރުތަކަށް ގޭސް އަޅައިދިނުމުގައި ކަނޑައެޅި ހުރިހާ ކޮންޓްރޯލްތަކެއް އުވާލައި، ކުރިއެކޭ އެއްގޮތަށް ސިލިންޑަރުތަކަށް ފުރިހަމައަށް ގޭސް އަޅައިދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ކުރިމަގުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތް ވެސް މޯލްޑިވް ގޭހުން މިހާރު އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، އެ މަޝްރޫއު ނިމުމުން އެއްފަހަރާ ތިން މަސް ދުވަހަށް ބޭނުންވާ މިންވަރަށް ގޭސް ރައްކާކުރެވިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ގޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





