އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދުން: ގަވަރުނަރު މުނައްވަރު
ދިވެހިރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން ރަސްމީ ބޭންކިން ނިޒާމަށް މިހާރު ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، އެމްއެމްއޭގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ޤަވާޢިދަށް އެމްއެމްއޭއިން ގެނައި އިޞްލާޙުތަކުގެ ތެރޭގައި، ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކުގެ އިތުރުން ރާއްޖެއަށް އެތެރެވާ ބޭރު ފައިސާ ރައްކާތެރިކަމާއެކު ބޭންކުތަކަށް ޖަމާކުރުން ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުކަށިކޮށް ފުޅާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ވަންނަކަން މޮނިޓަކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރުވެސް ނިޒާމުގެ ތެރެއިން ދައުރުވަނީ އެންމެ 65 އިންސައްތަ ކަމަށެވެ. އެހެންކަމުން، މިހާރު ނިޒާމުގައި ހުރި ފައިސާ ދައުރުކުރުވުމުގެ އިތުރުން، ރާއްޖެއަށް ވަންނަ ހުރިހާ ފައިސާއެއް ބޭންކުތަކަށް ވެއްދުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރިސޯޓުތަކާއި ވިޔަފާރިތަކުގެ އާމްދަނީ ޖަމާކުރުމަށްޓަކައި ވަކި ޚާއްޞަ އެކައުންޓެއް ބެހެއްޓުމަށް އަންގާފައިވާ ކަމަށާއި، އެކަން ތަންފީޒުވަމުންދާ މިންވަރު އެމްއެމްއޭއިން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރަސްމީ ބޭންކިން ނިޒާމަށް ވަންނަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރެވެ. ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ބޭންކިން ނިޒާމަށް ވެއްދިއްޖެނަމަ، އެއީ ރައްޔިތުންނާއި ޤައުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކަށޭނަ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޓެކްސް ދެއްކުމުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް އެންމެ 50 ރިސޯޓުން ކަމަށެވެ. މިއީ ސުވާލު އުފެދޭ ކަމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިއީ އެ ވިޔަފާރިތަކަށް ފައިދާ ނުވަނީތޯ ނުވަތަ ނިޒާމުގެ ތެރޭގައި އެހެން މައްސަލަތަކެއް އުޅެނީތޯ ބަލަންޖެހޭ ކަމަށެވެ.
ރިއެކްޝަންސް

