ރޯދަމަހު އަޒުމް ކަނޑައަޅަންވީ އެކަކު އަނެކަކަށް ފުރައްސާރަ ނުކުރާ ބަޔަކަށް ވުމަށް: ފަސްޓް ލޭޑީ
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުކުރާއިރު، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި ފުރައްސާރަ ނުކުރުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މިފަދައިން އިލްތިމާސް ކުރެއްވީ ޕީއެންސީގެ އަންހެނުންގެ ގޮފިން އިންތިޒާމުކޮށްގެން ރޭ ބޭއްވި މާހެފުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ރަމަޟާން މަހަކީ މާތް މައްސަރަކަށް ވެފައި، ކުރިއަށް އޮތް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި ފުރައްސާރަކުރުމުން ދުރުހެލިވުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް އިޖުތިމާއީ މިންގަނޑުތަކާއި ދީނީ ރީތި އުސޫލުތައް ހިފެހެއްޓުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
"މި ފަދަ މައްސަރަކާ ކުރިމަތިލާއިރު އަދި އަޅުގަނޑުމެންނާ އިލެކްޝަނެއް ކުރިމަތިވެފައިވާއިރު އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި ފުރައްސާރަކުރުމުން ރައްކާތެރިވަމާ" އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބަސްފުޅު ނިންމަވާލެއްވީ، އެކަކު އަނެކަކަށް ފުރިހަމައަށް އިޙްތިރާމްކުރުމާއި، ރިވެތި އަދަބުތަކާއެކު މުޢާމަލާތްކުރުމަކީ ދީނީގޮތުން ވެސް މަތިވެރި އަޅުކަމެއްގެ ގޮތުގައި ބަލައިގަތުމަށް ބާރުއަޅުއްވަމުންނެވެ.
ރިއެކްޝަންސް



