އެމްޕީއެލްގެ ސީއީއޯކަމަށް ހުސައިން ޝަފީގް އައްޔަންކޮށްފި

އެމްޕީއެލްގެ ސީއީއޯކަމަށް ހުސައިން ޝަފީގް އައްޔަންކޮށްފި

2 hours ago - 11:40

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގު މިއަދު އައްޔަންކުރައްވައިފިއެވެ.


ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން މިއަދު އިއުލާންކޮށްފައިވާ އިރު، ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން އެމްޕީއެލްގެ އެމްޑީއަކަށް އައްޔަންކުރި ތިން ވަނަ ބޭފުޅާއެވެ.


ކަނޑުދަތުރުފަތުރު މެނޭޖުކޮށް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ދިގު ތަޖުރިބާ ހާސިލުކުރައްވާފައިވާ ޝަފީގަކީ މާސްޓާ މެރިނާއެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ "މަހަޖައްރާފު" ގެ ފުރަތަމަ ދިވެހި ކެޕްޓަންވެސް މެއެވެ. މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި، އެ ދާއިރާގެ ފުރިހަމަ އަމަލީ ތަޖުރިބާ އޭނާ ވަނީ ހާސިލުކުރައްވާފައެވެ.


ތައުލީމީ ގޮތުން ބަލާއިރު، ޝަފީގު ވަނީ ސްރީލަންކާއިން މާސްޓާ މެރިނާގެ ސަނަދު ހާސިލުކުރެއްވުމުގެ އިތުރުން މެރިޓައިމް ސައެންސްގެ ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާވެސް ހާސިލުކުރައްވާފައެވެ. އަދި މި ދާއިރާއާ ގުޅޭ މުހިއްމު އެކި ހުނަރުތައް ދަސްކުރައްވައި، އެކަންކަމުގެ ތަޖުރިބާ އޭނާ ހޯއްދަވާފައިވެއެވެ.


އެމްޕީއެލްގެ އެމްޑީގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ރިޝްވާން އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގައެވެ.


މި ސަރުކާރުގައި އެންމެ ފުރަތަމަ އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވީ މުހައްމަދު ވަޖީހު އިބްރާހީމެވެ. 28 ނޮވެމްބަރު 2023 ގައި އެ މަގާމަށް އައްޔަންކުރި ވަޖީހު މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow