ފެން ބިލްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ނިންމައިފި

2 hours ago - 19:20
Advertisement
Advertisement

ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާ، ވަކި ޝަރުތުތަކެއްގެ މަތިން މައާފުކޮށްދިނުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕަނީ (އެމްޑަބްލިއުއެސްސީ) އިން އަނެއްކާވެސް ނިންމައިފިއެވެ.


މިކަމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ފެން ބިލްތަކުގެ ފައިސާ ދެއްކުމުގައި ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. މި ނިންމުމުގެ ދަށުން ޖޫރިމަނާ މައާފުކޮށްދޭނީ 31 ޑިސެމްބަރު 2025ގެ ނިޔަލަށް ބިލްތަކަށް އަރާފައިވާ ޖޫރިމަނާ ފައިސާއެވެ.


އެމްޑަބްލިއުއެސްސީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ޖޫރިމަނާ މައާފުކޮށްދެވޭނީ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވާ ކަސްޓަމަރުންނަށެވެ. އެގޮތުން 1 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރު 2026 އާ ދެމެދު، ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރާ ފަރާތްތަކުގެ ޖޫރިމަނާ މައާފުކޮށްދޭނެއެވެ.


މީގެ އިތުރުން، ބިލްތަކުގެ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް، އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް އެމްޑަބްލިއުއެސްސީން ވަނީ ހަމަޖައްސައިދީފައެވެ. މިފަދަ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފުކޮށްދެވޭނީ، އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފައިސާއެއް ދައްކައި ނިންމުމުންނެވެ.


މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން mail@mwsc.com.mv އަށް އީމެއިލް ކޮށްގެންވެސް އެހީތެރިކަން ހޯދޭނެއެވެ.


ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުވެސް ވަނީ 1 ޑިސެމްބަރު 2024ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement