އާއަހަރުގެ ފެށުމުގައި މޫސުން ގޯސް
އިރުވައި މުސުމުގެ ދެވަނަ ހަޅަ ނިމެންދާއިރު, އާ އަހަރުގެ ބަންދުގައި މޫސުން ގޯސްވާނެކަމަށް މޫސުމާބޭހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. ޑިސެމްބަރު މަހުގެ 23 ން ފެށިގެން ގުނަމުން ދާ ފުރަހަޅަ ނިމޭނީ ފެށޭ ހަފުތާގެ އާދިއްތަ ދުވަހުއެވެ.
މުސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނުބަޔާނެއްގައި ވާގޮތުން ރާއްޖެއަށް މިހާރު ކުރަންފަށާފައިވާ ވިއްސާރަ އާއި ސްރީ ލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެކު އުފެދުނު ލޯ ޕްރެޝަރ ޓްރަފާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް އާ އަހަރު ފެށުމާ ދިމާކޮށް މޫސުމް ގޯސްވާނެއެވެ.
މޫސުމް ގޯސްވާނެ ކަމަށް ބަލާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް މިވަނީ ރައްކާތެރިވުމުގެ އިރުޝާދު އާންމުކޮށްފައެވެ. ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީވެ, އެ އިރުޝާދުގައި އެކަމަށް ސަމާލުވުމަށް ގޮވާލާފައި ވެއެވެ. އެގޮތުން ބޯކޮށް ވާރޭ ވޭހޭ ހާލަތުގައި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެެއްލުންތައް ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅު ތަކާއި ރައްކާތެރިވުމުގެ ގިތުން ކުރެވިދާނެ ކަންކަންވެސް އެފަރާތުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އުތުރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު ބޯކޮށް ވާރޭ ވެހުމާއި އެކު ވިލާގަނޑުގައި ގަޑިއަކު 40-50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
އުތުރުގެ އަތޮޅުތަކަށް މިއަދުވެސް ބޯކޮށް ވިއްސާރަ ވެހުނު އިރު ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް މިހާރުވެސް އޮތީ ހުދު ސަމާލު ނެރެފައެވެ. މެޓް އޮފިހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި, ގަދަ ވަޔާއި އެކު ކަނޑުތައްވެސް ގަދަވާނެއެވެ.
އިރުވައި މޫސުމުގެ ތިންވަނަ ނަކަތް ނަކަތް, އުތުރުހަޅަ ޖެނުއަރީ ހައެއްގައި ފެށޭއިރު, މޫސުން ގޯސްވުން އިތުރަށް ދިގުލައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަޅައިގައި ގަދަ ވަޔާއެކު ކަނޑުތައްވެސް އާންމުގޮތެއްގައި ގަދަ ވާއިރު, އިރުމަތި ފަރާތުން ގަދަޔަށް ވައިޖެހޭނެއެވެ. އިރުވއި މޫސުމުގެ ހަޅަ ނިމި މޫސުމް ހަމަޔަކަށް އެޅޭނީ ޖެނުއަރި 18 ގެ ފަހުންނެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ދިވެހިން އިހު ބަލާ އުޅުނު ނަކަތް ކަލަންޑަރުގައި ވާ ގޮތާ ޙިލާފަށް މޫސުން ކުރިއަށްދާގޮތް މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިއާ އަޅާ ބަލާއިރު ނަކަތުގައި ބުނާ ގޮތަށް މޫސުމް ދިމާނުވެ ކަލަންޑަރުގައި އޮންނަ ގޮތް މިހާރަކަށް އައިސް އޮންނަނީ އެއްގޯސް ވެފައެވެ. އިހުގެ މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާގޮތުންނަމަ ހަޅައިގެ ތިން ދުވަހު އާދަޔާ ހިލާފަށް މޫސުމް ގޯސްވާނެއެވެ. އަދި ހަޅަ ޖަހަންވާ ގޮތަށް ހަޅަ ނުޖަހައިފިނަމަ އެ އަހަރުގެ އިރުވައިގެ ދުވަސްތަކުގެ މޫސުމް ލަފާކުރަން ދަތިވާނެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މޫސުމާ ބެހޭ ގަޢުމީ އިދާރާއިން މޫސުމް ލަފާކުރާގޮތުން މިއަހަރުގެ އިރުވައިމޫސުމް ފެށިފައި މިވަނީވެސް މާބޮޑަށް ލަސްކޮށެވެ. އެހެންކަމުން މިފަހަރުގެ އިރުވައި މޫސުމުގައި ނަކަތާއެއްގޮތަށް މޫސުމް ލަފާކުމުގައިވެސް ފުށުއެރުންތަކެއް ހުރުން ގާތެވެ.
ރިއެކްޝަންސް