ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
ދިވެހި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
މާލޭ ޔޫތު ހަބުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުއްލާ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޔުނާން ޕްރޮވިންސުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރުތައް ކަމަށްވާ ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ކުޅުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރު ކަމަށެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި، މި ތަކެތި ސްކޫލްތަކާއި އާންމު ކުޅިވަރު މައިދާންތަކުގައި ބޭނުންކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ރާފިޢު އަދި ވަޒީރު އިރުތިޝާމް ވަނީ ޗައިނާއިން ދިވެހި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސުން މި އެހީ ފޯރުކޮށްދީފައިވާއިރު، މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސާ ދެމެދު ވަނީ ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ރިއެކްޝަންސް





