ޙައްޤު ބަސް ފެތުރުމަށާއި އަމާނާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ލިޔުންތެރިންނަށް އިލްތިމާސްކުރައްވައިފި
ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ޙައްޤު ބަސް ފެތުރުމަށާއި އަމާނާތްތެރިކަމާއެކު ލިޔުންތެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ލިޔުންތެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ލިޔުންތެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި، އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމާއި، ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހި ލިޔުންތެރިންނަކީ ޤައުމު އެބަޔަކާމެދު ފަޚުރުވެރިވާނޭ ފަދަ، އަދި މި ޤައުމަށް ފާގަތިކަން ލިބޭނޭ ގޮތަށް ލިޔާ އަމާނާތްތެރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރީތިކޮށް މުޚާޠިބުކުރުމަށާއި، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނޭ ފަދަ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ އެހާރާއި މިހާރުގެ ދިވެހި ލިޔުންތެރިންގެ މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ލިޔުންތެރިންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި އަހަރުގެ ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" މިއެވެ. މި ޝިޢާރުގެ މަޤްޞަދަކީ ލިޔުންތެރިކަމުގެ ދާއިރާގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް ހިތްވަރު ދިނުމެވެ.
ރިއެކްޝަންސް





