ފަރުބަދަމަތީގެ ހާއްސަ ދޫންޏެއް ފުރަތަމަ ފަހަރަށް ރާއްޖެއިން ފެނިއްޖެ
ރާއްޖެއިން މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ، ފަރުބަދަމަތީގެ ސަރަހައްދުތަކަށް ހާއްސަ ނާދިރު ދޫންޏެއް މ. މުލީން ފެނިގެން ރަސްމީކޮށް ރެކޯޑުކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މުލަކު އަތޮޅުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާވޭއެއްގެ ތެރެއިން ފެނުނީ، އާންމުކޮށް ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި އުޅޭ "ރުފަސް-ޓެއިލްޑް ރޮކް ތްރަޝް" ގެ ދެ ދޫންޏެވެ. މުލީގެ ދަނޑުބިން ސަރަހައްދުން މި ދޫނިތައް ފެނި، ފޮޓޯ ނަގައި އެ ތަކެތީގެ ބާވަތް ކަށަވަރުކުރީ އީއާރްއޭގެ ދިރާސާ ޓީމުންނެވެ.
ދުނިޔޭގެ މަޝްހޫރު ދޫނީގެ ޑޭޓާބޭސްތައް ކަމަށްވާ 'އެވިބޭސް' އަދި 'އީ-ބާޑް' އިން ދައްކާ ގޮތުގައި މިއީ މި ބާވަތުގެ ދޫންޏެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެވެ. އާންމުކޮށް އުސް ފަރުބަދަތަކުގައި އުޅޭ މިފަދަ ދޫންޏެއް، ކަނޑުގެ ސައްހުން މާ ދަށް ޖަޒީރާ ރާއްޖެއިން ފެނުމަކީ ތިމާވެށީގެ ދާއިރާގެ މާހިރުންނަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.
ފިރިހެން ދޫނީގެ ބޮލާއި ކަރަށް އަޅި ނޫކުލައެއް ވެރިވެފައި ބަނޑުދަށް ރަތްމުށި ކުލައެއްގައި ހުންނަ މި ދޫނި ރާއްޖެއަށް އައިސްފައިވަނީ، ހިޖުރަކުރާ މަގު ކަމަށްވާ "ސެންޓްރަލް އޭޝިއަން ފްލައިވޭ" އިން ދަތުރުކުރަނިކޮށް މޫސުމީ ސަބަބަކާ ހުރެ މަގުއޮޅިގެން ކަމަށް ބެލެވެ އެވެ. މިއީ އިންޑިއާ ކަނޑުގައި ދޫނިތައް ހިޖުރަކުރާ ގޮތް ދެނެގަތުމަށް ލިބުނު ވަރަށް މުހިންމު އިލްމީ ހޯދުމެކެވެ.
ރިއެކްޝަންސް





