ދޮށީ އުމުރުގެ މީހުންނަށް ވެސް ލޯނު ލިބޭނެ ގޮތް ހަދަނީ

ދޮށީ އުމުރުގެ މީހުންނަށް ވެސް ލޯނު ލިބޭނެ ގޮތް ހަދަނީ

7 hours ago - 10:32
Nov 22, 2026 - 10:33

ދޮށީ އުމުރުގެ މީހުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓު މަތިކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމަށް ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ވަނީ ދޮށީ އުމުރުގެ މީހުންނަށް ކުރިމަތިވާ މާލީ ދަތިތަކުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފަ އެވެ. އެގޮތުން، ސަރުކާރުން ލުއި ލޯނުތައް ތައާރަފްކުރި ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ލޯނު ނުލިބޭ މައްސަލަ ފާހަގަކުރި އެވެ. އަދި އަމިއްލަ ނަމުގައި ގެދޮރު ހެދުމަށް ލޯނު ނުލިބޭއިރު، ދަރިންގެ ނަމުގައި ލޯނު ނެގެން ނެތީ އެ ކުދިން ކިޔެވުމުގެ ލޯނާއި އެހެނިހެން ދަރަނިތައް ދައްކަމުންދާތީ ކަމަށް އޭނާ ބުންޏެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މީހުންގެ އެވްރެޖް އުމުރު މިހާރު 80 އަހަރާ ގާތްކުރާއިރު، ބީއެމްއެލްއިން މިހާރު ކަނޑައަޅާފައިވާ 60 އަހަރުގެ ލިމިޓަކީ އެންމެ އެކަށީގެންވާ އުމުރެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެ ލިމިޓް 65 އަހަރަށް ނުވަތަ އެއަށް ވުރެ ވެސް މައްޗަށް ޖައްސައިދިނުމަށް ބޭންކަށާއި ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އެދިފައި އޮންނާނީ 65 އަހަރާ ހަމައަށް ނޫނިއްޔާ އެއަށް ވުރެ ވެސް މައްޗަށް އޭޖް ލިމިޓް [ބަދަލުކޮށްދިނުމަށް]،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިކަމަށް އެކަށީގެންވާ އަވަސް ހައްލެއް އަންނާނެ ކަމަށާއި، މިހާރު ވެސް ބައެއް ބަދަލުތައް އުސޫލުތަކަށް ގެނެސްފައި ހުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow