ސަރުކާރުގެ ފަރުވާއިން 700 އަށް ވުރެ ގިނަ މީހުން ދުންފަތުގެ ވަބާއިން ސަލާމަތްވެއްޖެ
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ ފަރުވާ ޕްރޮގްރާމްގެ އެހީގައި މިހާތަނަށް 709 މީހަކު އެ އާދަ މުޅިން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ދުންފަތާ ދުރުހެލިވާން ބޭނުންވާ މީހުންނަށް ފަރުވާ ދިނުމަށް ހިންގާ "ސެޒޭޝަން ކްލިނިކް" ތަކުގެ ހިދުމަތް މިހާރު މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން މާލޭގެ މައި ތިން ހޮސްޕިޓަލުގެ އިތުރުން، އަތޮޅުތަކުގެ 48 ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަކުން މި ފަރުވާ އަންނަނީ ދެމުންނެވެ. އަދި މި ފަރުވާ ރަނގަޅު ފެންވަރެއްގައި ދިނުމަށް 840 ސިއްހީ ހިދުމަތްތެރިން ތަމްރީނުކޮށްފައިވާއިރު، މިކަމަށް ހާއްސަކުރި 24 ގަޑިއިރުގެ ހޮޓްލައިން މެދުވެރިކޮށް 877 މީހަކަށް ވަނީ ލަފަޔާއި އިރުޝާދު ދީފައެވެ.
ރާއްޖޭގައި ދުންފަތުގެ ވަބާ ހުއްޓުވުމަށް ސަރުކާރުން ވަނީ ގާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން 2024 ގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ އެއްކޮށް މަނާކޮށްފަ އެވެ.
މި ގާނޫނު ތަންފީޒުކުރުމަށް ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން، ކަސްޓަމްސް އިން ވަނީ 58،130 ވޭޕް ސްޓިކް އަތުލައިގަނެ، 457 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. މީގެ އިތުރުން ފުލުހުން ވަނީ ވޭޕާ ގުޅޭ 424 މައްސަލައެއް ބަލައި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ ކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 26 މިލިއަން ސިނގިރޭޓް ސްޓިކް އަތުލައިގަނެ، 23 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ.
ޒުވާނުން ދުންފަތުން ދުރުކުރުމަށް ސަރުކާރުން އެޅި އެންމެ ހަރުދަނާ ފިޔަވަޅަކީ، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މުޅިން މަނާކުރަން ނިންމި ނިންމުމެވެ. މި "ޖެނެރޭޝަނަލް ބޭން" އަށް އަމަލުކުރަން ފެށީ 1 ނޮވެމްބަރު 2025 ގައެވެ.
ސަރުކާރުގެ އަމާޒަކީ ގާނޫނީ ހަރުކަށި ފިޔަވަޅުތަކާ އެކު، ފަރުވާގެ ހިދުމަތް ފުޅާކޮށްގެން ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ގާއިމުކުރުމެވެ.
ރިއެކްޝަންސް





