ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކުރަން ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކުރަން ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

8 hours ago - 09:56
Advertisement
Advertisement

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތައް ޒަމާނީ ފެންވަރަކަށް ހަރުދަނާކޮށް ބޯޑަރު ބެލެހެއްޓުން ވަރުގަދަކުރުމުގެ ގޮތުން، އެ މުއައްސަސާގެ ހިދުމަތުގައި ފުރަތަމަ ފަހަރަށް ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.


މި ޒަމާނީ ވަސީލަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާގައެވެ.


ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެ މުއައްސަސާއަށް ލިބިފައިވާ ވަސީލަތެކެވެ. އަދި އޮފިސަރުންގެ ފީލްޑް މަސައްކަތްތަކުގައި ހަރަކާތްތެރިވާއިރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާތަކަކީ އެމެރިކާ ސަރުކާރުގެ ދީލަތި އެހީގައި ހަދިޔާކޮށްފައިވާ އާލާތްތަކެކެވެ.


މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސްގެ ކޮންޓްރޯލް ސަރަހައްދުތައް މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް އެތައް ގުނައަކަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން، މުއައްސަސާގެ މަސައްކަތްތަކާމެދު ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އޮތް އިތުބާރާއި ޔަގީންކަން އިތުރަށް ބޮޑުވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމްސްގެ ހިދުމަތްތައް ޒަމާނާ އެއްވަރަށް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި ހާއްސަ ޕްލޭންތަކެއް އެކަށައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
މި ވަސީލަތްތަކާއެކު، ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް އަންނަ ބަދަލުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށް، ގާނޫނު ތަންފީޒުކުރުމުގައްޔާއި ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ފާރަވެރިކަމާއެކު ބެލެހެއްޓުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާގައި، އެ މުއައްސަސާގެ 136 އަހަރުވީ ދިގު ތާރީހާއި އަގުހުރި ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ހާއްސަ ފޮތެއްވެސް ވަނީ ނެރެފައެވެ. "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތުގައި، ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައްޔާއި އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކަސްޓަމްސްއިން ކަނޑައްތުކުރި ތާރީހީ މުހިންމު މަރުހަލާތަކުގެ މައުލޫމާތު ވަނީ ތަފްސީލުކޮށް ހިމަނާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement